ޚަބަރު

ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމަށް ސްޕެޝަލް ވިޒާއަށް އެދުމަށް އަންގައިފި


1443 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން، ޤާރީން ގެނައުމަށް އެދޭ ފަރާތްތަކުން ސްޕެޝަލް ވިޒާއަށް އެދުމަށް އިމިގްރޭޝަނުން އަންގައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ހާފިޒުން، ޤާރީން ގެނައުމަށް އެދޭ ފަރާތްތަކުން ސްޕެޝަލް ވިޒާއަށް ހުށައެޅުމުން ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ރަސްމީ މަސައްކަތު 07 ދުވަސްތެރޭ "އިމުގާ" ޕޯޓަލް މެދުވެރިކޮށް އަންގާނެކަމަށެވެ.

ވިޒާއަށް އެދި ހުށައަޅާއިރު ކައުންސިލް އިދާރާއިން ފުރިހަމަކޮށްފައިވާ "ސްޕެޝަލް ވިޒާއަށް އެދޭ ފޯމާއި ވިޒާއަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމް ހުށައަޅަން ޖެހެއެވެ. އަދި ބިދޭސީ ފަރާތުގެ "ޕާސްޕޯޓު ޑާޓާ ޕޭޖް"ގެ ކުލަ ކޮޕީއާއި ބިދޭސީ ފަރާތުގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯއާއި ތަރާވީޙް ނަމާދުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ދޫކޮށްފައިވާ ހުއްދަ ހުށައަޅަން ޖެހެއެވެ.

މީގެ އިތުރުން ދިވެހިރާއްޖެއަށް އެތެރެވުމަށްޓަކައި ރާއްޖެއަށް ފުރުމަށް 48 ގަޑިއިރު ތެރޭގައި "ޓްރެވެލަރ ހެލްތު ޑެކްލަރޭޝަން" ފުރިހަމަކުރުމާއި ރާއްޖެއަށް ފުރުމަށް 96 ގަޑިއިރު ތެރޭގައި ނަގާފައިވާ ޕީ.ސީ.އާރު ނެގެޓިވް ޓެސްޓު ނަތީޖާ ހުށައެޅުމާއި ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ ވެކްސިނޭޝަން ކާޑު ހުށައަޅަން ޖެހެއެވެ.

އިމިގްރޭޝަނުން ވަނީ ހާފިޒުންނާއެކު އެމީޙުންގެ އާއިލާގެ މީހުން ގެންނަނަމަ އެފަރާތްތައް ރާއްޖެ އައުމުގެ ކުރިން "އިމުގާ" ޕޯޓަލް މެދުވެރިކޮށް "ސްޕޮންސަރޝިޕް ޑެކްލަރޭޝަން" އަށް އެދި ހުށަހަޅާ ދަތުރުކުރުމުގެ ހުއްދަ ހޯދުމަށް އަންގާފައެވެ. އަދި އެމީހުންނަށް ދޫކުރާނީ 30 ދުވަހުގެ ޓޫރިސްޓް ވިޒާއެއްކަމަށާއި އެއަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރާނަމަ، ވިޒާގެ މުއްދަތު ހަމަވުމުގެ ކުރިން، ވިޒާގެ މުއްދަތު އިތުރުކުރުމަށް ހުށައަޅަން ޖެހެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ރާއްޖެ ގެންނަ ހާފިޒުންނާއި ޤާރީން ރާއްޖޭގައި ތިބޭ މުއްދަތުގައި ވިޒާގެ ކަންކަން ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރެއްވުމަކީ އެމީހުން ގެންނަ މީހުންގެ ޒިންމާއެއްކަމަށެވެ. އަދި އެފަރާތްތަކަށް ދޫކުރާ "ސްޕެޝަލް ވިޒާ" އެޕްރޫވަލް ލިބުމުގެ ކުރިން ދަތުރުނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ދޫކޮށްފައިވާ ވިޒާގެ މުއްދަތު ހަމަވުމުގެ ކުރިން ރާއްޖެއިން ފުރުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަށްވެސް އިމިގްރޭޝަނުން އިލްތިމާސްކުރައްވައެވެ.