އަތޮޅުތައް

ލ. ގާދޫ މީހުންނަށް ގެތައް ހަވާލުކުރަން ފަށައިފި


ހައްދުންމަތީ ގާދޫ މީހުންނަށް އެ އަތޮޅު ފޮނަދޫގައި ސަރުކާރުން އަޅުއްވާފައިވާ ގެތަކުގެ އެގްރީމެންޓްގައި ސޮއިކޮށް ވެރިފަރާތްތަކަށް ގެ ހަވާލުކުރުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.މިއަދު ހެނދުނު ފޮނަދޫގައި އެގްރިމެންޓުތަކުގައި ސޮއިކުރަން ފަށާފައިވާއިރު، ފޮނަދޫގެ ބަރާސީލް އަވަށުގައި އަޅުއްވަފައިވާ 40 ގޭގެ ވެރިފަރާތާއިއެކު އެގްރިމެންޓުގައި ސޮއިކޮށް މިއަދު ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. ގާދޫ މީހުން ފޮނަދޫއަށް ބަދަލުކުރެއްވުމުގެ އަމަލީ މަސައްކަތް މާދަމާ ފަށްޓަވާނެއެވެ.ދިރާސީ އަހަރު ފެށެންވާއިރަށް މީހުން ބަދަލުކޮށް ނިމޭނެކަމަށް ހައުސިން މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. ގާދޫ މީހުން ބަދަލުކުރެއްވުމަށް ފޮނަދޫގައި މިހާތަނަށް އަޅުއްވާފައިވަނީ 85 ގެއެވެ. ބާކީ އިތުރަށް ޢިމާރާތް ކުރައްވަންޖެހޭ ގެތަކުގެ މަސައްކަތް ނިމެންދެން އެ ޢާއިލާތައް އުޅޭނެ ތަންތަން ހައުސިންގ މިނިސްޓްރީން ހަމަޖައްސަވާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. މި ގެތަކުގެ މަސައްކަތްވެސް ގާތްގަނޑަކަށް 2 މަސްދުވަހުގެ ތެރޭގައި ފެއްޓެވުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ފޮނަދުއަށް ބަދަލުވުމަށް ގާދޫގެ ކޮންމެ ޢާއިލާއަކަށް ދެއްވުމަށް ސަރުކާރުން ނިންމަވާފައިވާ، 60,000 ރުފިޔާ، ފޮނަދުއަށް ބަދަލުވާ ދުވަހު ޢާއިލާތަކާއި ޙަވާލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.