ޚަބަރު

މާޒިޔާއިން އީގަލްސް ބަލިކޮށް ލީގްގެ ދެވަނަ މޮޅު


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބް އީގަލްސް ބަލިކޮށް މާޒިޔާއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއިންވަނީ ކުލަބް އީގަލްސްގެ މައްޗަށް 2 ލަނޑު 0 ލަނޑުން ކުރިހޯދާފައެވެ. މާޒިޔާއިންވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އެޓީމް ކުޅުނު ފުރަތަމަ މެޗްގައި ސުޕަރ ޔުނައިޓަޑް ސްޕޯޓްސް ކުލަބް (ސަސް)އާއި ވާދަކޮށް 1 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްފައެވެ.

ލީގްގައި މާޒިޔާއަށް އިރުޝާދު ދެމުންދަނީ ސާބިއާގެ ކޯޗްއެއްކަމަށްވާ މަޔޮޑްރަގް ޖެސިކްއެވެ. މިއީ އޭނާގެ ކޯޗްކަމުގެ ދަށުން މާޒިޔާ ކުޅުނު ދެވަނަ މެޗްއެވެ. މެޗް ފެށިގެން ދެ ޓީމްއިންވެސް ބޯޅަ ހިފައްހައްޓައިގެން ކުޅުނެވެ. ނަމަވެސް އެއްވެސް ޓީމްއަކަށް މާ ނުރައްކާތެރި ހަމަލާއެއް މެޗްގެ ފުރަތަމަ ހާފްގައި ފޮނުވާލެވޭ ގޮތެއް ނުވިއެވެ. އާންމުގޮތެއްގައި މާޒިޔާއިން ނުރައްކާ ކުރަމުންދަނީ އެޓީމްގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ)ގެ އެހީއާއެކުއެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ހާފްގައި ކޯނޭއަށްވެސް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. އަދި ކުލަބް އީގަލްސްއިން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތަށްވަނީ މާޒިޔާގެ ޑިފެންޓަރުން ދިފާޢުކޮށްފައެވެ.

މެޗްގެ ދެވަނަ ހާފް ފެނިގެންދިޔައީ މެޗްގެ ފުރަތަމަ ހާފާ ޙިލާފަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނިގެންދިޔަ ހާފަކަށެވެ. އެގޮތުން މެޗްގެ ދެވަނަ ހާފްގައި އެންމެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ މާޒިޔާއިންނެވެ. އިބްރާހިމް މަހުދީ، ގޯލާ ދިމާލަށް ފޮނުވާލި ބޯޅަވަނީ އިގަލްސްގެ ކީޕަރު މުޙައްމަދު ތަހާ ވަނީ މަތަކޮށްފައެވެ. މާޒިޔާއިން ގޯލް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވީ މެޗްގެ 67ވަނަ މިނެޓްގައެވެ. މިލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ އެޓީމާ އަލަށް ގުޅުނު ބިދޭސީ ކުޅުންތެރިޔާ ޓާނާއެވެ. މިއީ ޓާނާ މާޒިޔާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. މާޒިޔާއިން މެޗްގައި ލީޑް ނެގުމާއެކު ކުލަބް އީގަލްސްއިން ލަނޑު ޖެހުމަށް ކުރިއަށް ވުރެއްބޮޑަށް މަސައްކަތް ކުރިއެވެ.

އީގަލްސްގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ރާއިފް، ރިޒްވާން އަދި އަހުމަދު ހަސަން މާޒިޔާގެ ގޯލާ ދިމާއަށް ފޮނުވާލި ބޯޅަތަށް މަޒިޔާގެ ކީޕަރު ކިރަން ވަނީ މަތަކޮށްފައެވެ. އަދި މެޗްގެ ފަހު ކޮޅުގައި އީގަލްސްގެ ކުޅުންތެރިންނަށް މާޒިޔާގެ ގޯލްއަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. މަޒިޔާއިން މެޗްގައި ޖެހި ދެވަނަ ލަނޑު ޖަހާފައިވަނީ މެޗް ފުރިހަމަ ވަގުތުހަމަވެ، ދެއްކި އިތުރު ވަގުތުގައެވެ. މިލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަނެވެ.