ޚަބަރު

ފަހުވަގުތު ޖެހި ލަނޑުން މޮޅުވެ ޓީސީން ލީގްގެ ފުރަތަމަ މޮޅު ހޯދައިފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި، މެޗް ނިމެން 4 މިނެޓަށް ވެފައިވަނިކޮށް ޓީސީގެ މުހައްމަދު މުސްލިހު ކާމިޔާބުކޮށްދިން ލަނޑު ޓީސީ ސްޕޯޓްސް ކުލަބުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯފައިފިއެވެ. މިމެޗް ޓީސީ ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ.

މެޗް ފެށިގެން ފުރަތަމަ މިނެޓްގެ ތެރޭގައި ސަސްއިން ލީޑްނެގިއެވެ. މިލަނޑު ސަސްއަށް ކާމިޔާބުކޮށްދިނީ އަލީ ނަސޫހު ރަޝީދު (ޕިލާ)އެވެ. މިލަނޑާއެކު ސަސްއަށް ވަރަށްބޮޑު ހިތްވަރެއް ލިބިގެންދިޔައެވެ. ނަމަވެސް ސަސްގެ ލަނޑަށްފަހު ޓީސީންވެސް މަޑުމަޑުން މެޗްގެ ތެރެއަށް ވަދެ މޮޅަށް ކުޅެން ފެށިއެވެ. އަދި ސަސްގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. މެޗްގެ ލީޑް ފުޅާކުރުމަށް ސަސްގެ ޔަސްފާދު ހަބީބަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ. ޓީސީން މެޗްގެ ނަތީޖާ އެއްވަރުކުރުމަށް ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވީ މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ އަޙްމަދު ސާމިއުއެވެ.

މެޗްގެ ދެވަނަ ހާފްގައި ދެ ޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ދެ ޓީމްއިންވެސް ގޯލް ޖެހުމަށް މަސައްކަތް ކުރަމުންދިޔައިރު، ދެ ޓީމްއިންވެސް ގިނަ ފައުލްތަކެއްކޮށްފައެވެ. އަދި ރެފްރީގެ ބައެއް ނިންމުންތަކާއި ގުޅިގެން ދެ ޓީމްގެ ކުޅުންތެރިންނާއި ބެންޗްއިންވެސް ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންދިޔަތަން ފެނިގެންދިޔައެވެ. މެޗް ނިމެން 4 މިނެޓްއަށް ވެފައިވަނިކޮށް ޓީސީއިންވަނީ މެޗްގައި ފުރަތަމަ ފަހަރަށް ލީޑް ނަގާފައެވެ. މިލަނޑު ޓީސީއަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މުހައްމަދު މުސްލިހެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ މުހައްމަދު މުސްލިހެވެ.