ސިޔާސީ

ސީޕީ ޙަމީދު މާދަމާ ފުލުހުންގެ ބޯޑަށް ހާޒިރުކުރަނީ


ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތަހުގީގުކުރިއަށް ގެންދިޔަ ގޮތާގުޅޭގޮތުން ސުވާލުތަކެއް އުފެދޭތީ، އެކަމުގެ މަޢުލޫމާތު ސާފުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ފުލުހުންގެ ބޯޑަށް ހާޒިރުކުރުމަށް ނިންމައިފިއެވެ. މިއީ ސީޕީ ޙަމީދު ޕޮލިސް ބޯޑަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ "އިންޓަގްރޭޓެޑް ޑްރަގް އެންފޯސްމަންޓް ޑޭޝްބޯޑު" އިފްތިތާޙްކުރުމަށާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، މާދަމާ 2 ޖަހާއިރަށް ޕޮލިސް ބޯޑަށް ހާޒިރުވުމަށް އެބޯޑުން އަންގާފައިވާކަމަށެވެ.

ޕޮލިސް ބޯޑަށް ހާޒިރުކުރަން އަންގާފައިވަނީ ދާދިފަހުން މާލެއާއި މާލެކައިރި އަތޮޅެއްގައި ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި ފުލުހަކު، އިޖުރާތެއް ގޯސްކޮށް ހިންގާފައިވާކަމަށް ބެލެވޭތީ، އެކަމާގުޅޭގޮތުން ސުވާލުކުރުމަށްކަމަށް ސީޕީ ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްޞީލެއް ދެއްވާފައެއްނުވެއެވެ.

"މާދަމާ 2 ޖަހާއިރު އަޅުގަނޑު ޕޮލިސް ބޯޑަށް އެބަ ހާޒިރުކުރޭ ކޮމިޝަނަރ އޮފް ޕޮލިސްގެ ހައިސިއްޔަތުން ޖަވާބުދާރީވާން. އެއީ ދާދިފަހަކުން މާލެ ސަރަޙައްދުގައާއި އަދި މިތާކައިރި އަތޮޅެއްގައި ހިނގާދިޔަ އޮޕަރޭޝަނަކާއި ގުޅިގެން ފުލުހަކު އިޖުރާތެއް ހިންގުމުގައި، އިޖުރާތެއް ގޯސްކޮށް ހިންގީ ނުރަނގަޅު ނިޔަތެއްގައިކަމަށް އަޅުގަނޑުމެންގެ ދަޢުލަތުގެ ތެރޭގައި ބައެއް މުއައްސަސާތަކަށް ޤަބޫލުކުރެވިގެން. އެ ޝައްކު އޮވެގެން. އެ ޝައްކު ޕްރޮސެކިއުޓަރ ޖެނެރަލުން ޕޮލިސް ބޯޑާއިވެސް ހިއްސާކުރުމާގުޅިގެން" ސީޕީ ޙަމީދު ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ފުލުހުންނަށް ކަމެއް ގޯސްކޮށް ކުރެވޭކަމަށް ޤަބޫލުކުރެވިގެން ޖަވާބުދާރީކުރުވުމަށް އެކި އިދާރާތަކުން މަސައްކަތްކޮށް، އެފަދަ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު ހުޅުވިފައި އޮތުމަކީ މިއަދު ލިބޭ ހިތްހަމަޖެހުމެއްކަމަށެވެ. އަދި މިއީ ފުލުހުންގެ މަސައްކަތްތައް މިހާރަށްވުރެވެސް ޕްރޮފެޝަނަލްކޮށް، ޒިންމާދާރުކަމާއެކު ފުލުހުންގެ ވާޖިބު އަދާކުރުމަށްވެސް އެޅޭ ބާރެއްކަމަށާ، މިކަމުގެ ސަބަބުން މުޅި މުޖުތަމަޢަށްވެސް ރަނގަޅު ބަދަލުތަކެއް އައުމަކީ ބޭނުންވާކަމެއްކަމަށް ސީޕީ ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާގޮތުގެ މަތީން "ޕޮލިސް ބޯޑު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލައްވާފައިވަނީ 9 އޭޕްރީލް 2021 ގައެވެ. މި ބޯޑު އެކުލަވާލައްވާފައި ވަނީ 7 މެމްބަރުންގެ މައްޗަށެވެ.

ފުލުހުންގެ ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި، ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ. މި ބޯޑުން ބަލާ ފުލުހުންނާ ގުޅުންހުރި މައްސަލަތަކުގެ ތެރޭގައި ލާއިންސާނީ ޢަމަލުތައް ހިންގުމާއި، ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކޮރަޕްޝަންގެ ތުހުމަތުތައްފަދަ މައްސަލަތައް ހިމެނެއެވެ.