ކުޅިވަރު

ޓީރެކްސްއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި


ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގައި ރޭ ކުޅުނު މެޗް 2 ޕޮއިންޓްގެ ތަފާތުން ވައިޕާސް ކާމިޔާބުކޮށްފިއެވެ. މިމެޗް ވައިޕާސް ކާމިޔާބުކޮށްފައިވަނީ ވުލްވްސްއާއި ބައްދަލުކޮށް 58 ޕޮއިންޓް 56 ޕޮއިންޓުން މެޗް ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވައިޕާސްއަށް އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ވައިޕާސްގެ ޢަލީ ޝާއިންއެވެ. އަދި ވުލްވްސްއަށް މިމެޗްގައި އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ އަމާން ޢަލީއެވެ.

މިމުބާރާތުގައި އިއްޔަގައި ކުޅުނު ފުރަތަމަ ޑިވިޝަންގެ މެޗް ކާމިޔާބުކޮށްފައިވަނީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބުންނެވެ. ޓީރެކްސް މިމެޗް ކާމިޔާބުކޮށްފައިވަނީ ރެޑްވިންގްސްއާއި ބައްދަލުކޮށް 87 ޕޮއިންޓް 54 ޕޮއިންޓުންނެވެ. މިމެޗްގައި ޓީރެކްސްއަށް އެންމެ މޮޅު ކުޅުމެއްދައްކާފައިވަނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އެޓީމްގެ ބިދޭސީ ކުޅުންތެރިޔާ ފިލިޕްއެވެ. ރެޑްވިންގްސްއަށް އެންމެ މޮޅު ކުޅުން ދައްކާފައިވަނީ މުޙައްމަދު އަޝްމާލްއެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަންގައި ރޭ ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ އެލީޓް ސްޕޯޓްސް ކުލަބުންނެވެ. މިމެޗް އެލީޓް ކާމިޔާބުކޮށްފައިވަނީ ކީން ސްޕޯޓްސް ކުލަބާއި ވާދަކޮށް ފަސޭހަކަމާއެކު 91 ޕޮއިންޓް 20 ޕޮއިންޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެލީޓްގެ ސްޕޯޓްސް ކުލަބްގެ ޢާއިޝަތު އިނާޝާއެވެ. މިމުބާރާތުގެ ކުޅުން މިއަދުވެސް ކުރިއަށްދާނެއެވެ.