ޚަބަރު

ޕޫލް ބިލިއާޑް އެސޯސިއޭޝަނުގެ އެސްޖީއަކަށް މުނާ


  • މުނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ހާސިލްކޮށްފައި

  • މެނޭޖްމަންޓުގެ ދާއިރާއިން ޑިގްރީއެއް ހާސިލްކޮށްފައިވޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަކަށް، މަރިޔަމް މުނާ އައްޔަނުކޮށްފިއެވެ.

އެމްޕީބީއޭގެ އެގްޒެކިއުޓިވް ކޮމިޓީން ވަނީ، އެސްޖީއަކަށް މުނާ އައްޔަންކުރިކަން ހާމަކޮށް، އެކަމަށް އޭނާއަށް މަރުހަބާ ކިޔާފައެވެ. އަދި މުނާއާއިއެކު އެ އެސޯސިއޭޝަނަށް އިތުރު ކުރިއެރުމާއި ކާމިޔާބީ ލިބޭނެކަމަށް އުއްމީދުކުރާކަމަށް ބުނެފައިވެއެވެ.

މުނާގެ ކުރިން އެ އެސޯސިއޭޝަންގެ އެސްޖީގެ މަގާމުގައި ހުންނެވީ އަބްދުﷲ ބިޝާރުއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން މުނާ ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެބޮޑު އިސްކަމެއް ދެއްވާނީ މި ކުޅިވަރަކީ ރާއްޖޭގައި މަގުބޫލު، ގިނަބައެއްގެ ބައިވެރިވުން އޮތް ކުޅިވަރަކަށް ހެދުމަށާއި، މިހާރު އޮތް ހަރުފަތަށްވުރެ މަތީ ހަރުފަތަކަށް ރާއްޖޭގައި ޕޫލް ބިލިއާޑް ގެންދިއުމަށް ކަމަށެވެ.

އަދި ބައިނަލްއަޤްވާމީ މުބާރާތްކުން ދިވެހި އެތުލީޓުންނަށް ފުރުސަތު ހޯދައިދީ، ބައިނަލްއަޤްވާމީ ތަޖުރިބާ ދިވެހި އެތުލީޓުންނަށް ހޯދައިދިނުމަށް ވެސް އިސްކަން ދެއްވާނެކަން މުނާ ހާމަކުރެއްވިއެވެ.

މީގެއިތުރުން، ވަށާޖެހޭ އުސޫލުތަކެއްގެ ތެރެއިން މި ކުޅިވަރުގެ ކަންކަން ހަރުދަނާކޮށް، ޔޫތު ޑިވެލޮޕްމަންޓަށް ޙާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވާނެކަމަށް މުނާ ވިދާޅުވިއެވެ. އެގޮތުން، ސްކޫލްތަކާ ގުޅިގެން، ދަރިވަރުން މި ކުޅިވަރަށް އަހުލުވެރިކޮށް، ޝައުގުވެރިކުރުވުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށް މުނާ ވިދާޅުވިއެވެ.

އެމްޕީބީއޭގެ އައު އެސްޖީ މުނާ ވަނީ މީގެކުރިން ވެސް، އެޑްމިނިސްޓްރޭޝަން ދާއިރާގެ ޒިންމާދާރު ގިނަ މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން، 2007 ވަނަ އަހަރާއި 2012 ވަނަ އަހަރާ ދެމެދު މުނާ ވަނީ ދިފާޢީ ވުޒާރާގެ އެސިސްޓަންޓް ޑިރެކްޓަރުކަމާއި އެފަހުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަގާމުވެސް ފުރުއްވާފައިވެއެވެ.

މީގެއިތުރުން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމާއި ކޮމިޝަނަރުކަން ވެސް މުނާ ކުރައްވާފައިވެއެވެ. އަދި އެފަހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސްގެ ގޮތުގައި ވެސް މުނާ މަސައްކަތްކުރައްވާފައިވެއެވެ. އަދި އޭޝިއާ ޝިޕިންގ އެންޑް އިންޓަރނޭޝަނަލް ޓްރޭޑިންގ ގެ ކޯޕަރޭޓް ސެކްރެޓަރީގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

މުނާ ވަނީ ވަނީ އޮސްޓްރޭލިޔާގެ އީޑިތް ކޯވަން ޔުނިވަރސިޓީ އިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ.