ކުޅިވަރު

91 ޓީމާއެކު ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ފަށައިފި


މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ އެންމެ ފޯރިގަދަ ފުޓްސެލް މުބާރާތް 91 ޓީމާއެކު ރޭގައި ފަށައިފިއެވެ. ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ރޭ ފަށާފައިވާއިރު، މިމުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން ޓީމަކީ ތ. ތިމަރަފުށްޓެވެ. ރޭ މުބާރާތް ފެށުމުގެ ކުރިންވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެރަސްމިޔާތުގައިވަނީ މިފަހަރުގެ މުބާރާތުގައި ޗެންޕިއަން ޓީމަށް ދޭ ތަށި ދައްކާލާފައެވެ. ހުޅުމާލެ ރެހެންދި ފުޓްސެލް ދަނޑުގައި ކުޅުނު މެޗްތަކުގެ ތެރެއިން އެންމެ ފޯރިގަދަކޮށް ދިޔައީ ނޭކުރެންދޫ އާއި ނާވައިދޫގެ މެޗެވެ.

މިމެޗް ވަނީ 2 ލަނޑު 2 ލަނޑުން އެއްވަރުވެފައެވެ. މިމެޗްގައި ފެނިގެންދިޔަ 4 ލަނޑުވެސް ފެނިގެން ގޮސްފައިވަނީ މެޗްގެ ދެވަނަ ހާފްގައެވެ. މެޗްގައި އެންމެ ފުރަތަމަ 2 ގޯލް ޖަހައި، ލީޑް ނެގީ ނާވައިދޫއިންނެވެ. ނާވައިދޫއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ވިސާމާއި ޢަބްދުﷲ ޝާފިއުއެވެ. ނޭކުރެންދޫއިން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ފަރުހާނެވެ. އަދި ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙައްމަދު ވިލްފެވެ.

މިމުބާރާތުގައި ރޭގައި ކުޅުނު ހއ. ހޯރަފުށްޓާއި ހއ. ވަށަފަރު ބައްދަލުކުރި މެޗް 3 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްފައިވަނީ ހޯރަފުށްޓެވެ. މިމެޗްގައި ހޯރަފުށި ޓީމުން ޖެހި 3 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ޔާމީނާއި އިބްރާހީމް ބިޝާރާއި، ޢަލީ ޝިމާހުއެވެ. މިމެޗުގައި ވަށަފަރުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޒާއިދު މުސްޠަފާއެވެ.

ހދ. ކުމުންދޫ އާއި ހދ. ފިނޭ ބައްދަލުކުރި މެޗް 4 ލަނޑު 2 ލަނޑުން ކާމިޔާބުކޮށްފައިވަނީ ފިނޭއެވެ. މިމެޗްގައި ފިނޭއިން ޖެހި 4 ގޯލްގެ ތެރެއިން 2 ގޯލް ޖެހީ ޝާމީލް ރަޝީދެވެ. ފިނޭގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ކެޕްޓަން ޢަލީ މިސްބާހާއި މުޙައްމަދު އާނިމެވެ. ކުމުންދޫއިން ޖެހި ދެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ހަސަން އާދި ޝިނާން އިބްރާހިމެވެ.

ހދ. ދިއްދޫ އާއި ހއ.މާރަންދޫ ވާދަކުރި މެޗް ފަސޭހަކަމާއެކު 8 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްފައިވަނީ ދިއްދޫ ޓީމެވެ. މިމެޗްގައި ދިއްދޫ ޓީމުން ކާމިޔާބު ކުރި އަށް ގޯލުގެ ތެރެއިން ހަތަރު ކަނޑު ކާމިޔާބުކުރީ ހައިޝަމް ރަޝީދެވެ. އަނެއް ހަތަރު ގޯލް ކާމިޔާބުކުރީ ހިޝާމް ހަސަން ވަހީދު، އާދަމް ނަސީމް އަދި ތައުމީން ނޫހުއެވެ. މާރަންދޫއިން މިމެޗްގައި ޖެހި ހަމައެކަނި ގޯލު ޖެހީ އިހުސާން ޖަލީލެވެ.

ށ. މިލަންދޫ އާއި ބިލެއްފަހި ބައްދަލުކުރި މެޗް 2 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ މިލަންދޫއިންނެވެ. މިމެޗްގައި މިލަންދޫގެ ގޯލްތައް ޖެހީ ހަސަން ނާސިހު އާދަމާއި، ޢަބްދުﷲ ނާޖީއެވެ. މިމުބާރާތުގައި ށ.ފޯކައިދޫއިން ވަނީ 3 ލަނޑު 1 ލަނޑުން ށ.ކޮމަންޑު ބަލިކޮށްފައެވެ. މިމެޗްގައި ފޯކައިދޫގެ ގޯލްތައް ޖެހީ މުޙައްމަދު ރިޝްވާން، ހުސެއިން ނަބީހް އަދި އިބްރާހީމް މުޝީރެވެ. ކޮމަންޑޫއިން މެޗްގައި ޖެހި ހަމައެކަނި ލަނޑު ޖެހީ ސާމިހުއެވެ. މިމުބާރާތުގެ ކުޅުން މިރޭވެސް ކުރިއަށްދާނެއެވެ.