ވިޔަފާރި

ދިވެހި ވިޔަފާރިވެރިންނަށް ފަސޭހަގޮތްތަކެއް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތެއް: ރައީސް


ދިވެހިރާއްޖޭގައި ވިޔަފާރިކުރަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށް ވީހާވެސް ފަސޭހަގޮތްތަކެއް ހޯދައިދިނުމަކީ މި ސަރުކާރުން އިސްކަންދޭ ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ފާދިއްޕޮޅުގައި ތަރައްޤީކުރި ފުރަތަމަ އެއަރޕޯޓް، ޅ. މަޑިވަރު އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމެއް ތަރައްޤީކުރުމުގައި އެދެވޭ ކުރިއެރުންތަކަކާއި ކާމިޔާބީ ހޯދޭނީ ސަރުކާރާއި، އަމިއްލަ ވިޔަފާރިވެރިން ގުޅިގެން ކުރެވޭ މަސައްކަތުންކަމަށެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ދިވެހި ވިޔަފާރިވެރިންނަށް، ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިން ވީހާވެސް ފަސޭހަގޮތްތައް ހޯދައިދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޤައުމު ތަރައްޤީވެގެންދާނީ އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި ސަރުކާރާއި، އަމިއްލަ ވިޔަފާރިވެރިން ގުޅިގެން، އެކުގައި މަސައްކަތްކޮށްގެން. އެހެންވީމަ ސަރުކާރުގެ ސިޔާސަތުތައް މިއަދު ބައްޓަންކުރަމުން މިގެންދަނީ އަމިއްލަ ވިޔަފާރިވެރިންނަށް ކުރިމަތިވެފައިހުރި ދަތިތައް ނައްތާލާ، ފަސޭހަގޮތްތައް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ހޯދައިދިނުމަށް. މިކަމުގައި އަޅުގަނޑުމެން ކުރިއަށްދާނެކަމުގެ ޔަޤީންކަން މިތާ މިތިއްބެވި ވިޔަފާރިވެރިންނަށް އަޅުގަނޑު މިއަދުވެސް އަރުވަން" ރައީސް ޞާލިޙު ވިދާޅުވިއެވެ.

މަޑިވަރު އެއަރޕޯޓާއެކު ޅ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާއިރު، މިއީ އެއަތޮޅުގައި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށްވެސް އެ ސިނާޢަތް އިތުރަށް ކުރިއަރުވަން ލިބޭ ފުރުޞަތެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަޑިވަރު އެއަރޕޯޓް ތަރައްޤީކުރުމުގެ ފަހަތުގައިވާ ކުރެއްދޫ ހޯލްޑިންގްސް އަދި ޗަމްޕާ ކުންފުންޏަކީ ރާއްޖޭގެ ތަރައްޤީގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ބައިވެރިއެއްކަމަށް ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ އިތުރަށް ޞިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިންވެސް ޗަމްޕާ ކުންފުނީގެ ބައިވެރިވުމާއި ޚިދުމަތްތައް ފެނިގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.