ޚަބަރު

ރަށްރަށުގެ މައްސަލަތައް ހައްލުކުރާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން: ރައީސް


ރަށްރަށުގެ މައްސަލަތައް ހައްލުކުރާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދ. ކުނބުރުދޫ ރަށު ކައުންސިލާއި މިއަދު ބައްދަލުކުރައްވައި އެރަށަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށްގެންދެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ކުނބުރުދޫގެ ބިން ފުރުމުގެ ސަބަބުން އެރަށުގެ ކުރިމަގަށް ދިމާވެފައިވާ ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްޞާކުރައްވައިފައެވެ.

ކުނބުރުދޫ ކައުންސިލަރުން ވަނީ ރަށުގެ ހާލަތުގެ މައްޗަށް އެ ކައުންސިލުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށް ދިމާވެފައިވާ އެންމެހާ ގޮންޖެހުންތަކަކީ ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމާއި ގުޅިފައިވާ ކަންކަން ކަމުގައި ވިދާޅުވިއެވެ. މިގޮތުން ބޯހިޔާވަހިކަމުގެ ދަތިކަމާއި ބިން ފުރުމުގެ ސަބަބުން އިގްތިސޯދީ ހަރަކާތްތަކާއި މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ދަތިކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރަށު ބަނދަރު ބޮޑުކުރުމާއި ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަން ހޯދުމާއި ހެލްތު ސެންޓަރުގެ ފެންވަރު ރަނގަޅުކުރުމާއި ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމާބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަށްރަށުގެ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުން މަސައްކަތް ކުރާނީ އެރަށެއްގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ކަމުގައި ވިދާޅުވިއެވެ. އަދި ކުނބުރުދޫއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ ތެރެއިން އެކަންކަމަށް ހޯދައިދެވެން ހުރި ހައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ.