ޚަބަރު

އެމެރިިކާފަދަ ހިސާބުތަކުން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ފަހިގޮތްތަކެއް ހޯދުމަށް މަޝްވަރާކޮށްފި


އެމެރިކާ ފަދަ ދުރު ސަރަޙައްދުތަކުގެ ފަތުރުވެރިންނަށް ރާއްޖެއަށް ދަތުރުކުރުމަށް ފަސޭހަ ގޮތްތައް ހޯދުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ޖޯޖް ކޯބިން މަޝްވަރާކުރައްވައިފިއެވެ.

އިޓަލީވިލާތުގެ ޑައިވިންގް ޓުއަރ އޮޕަރޭޓަރެއްގެ ގޮތުން ރާއްޖެއަށް ތަޢާރަފްވި ކޯބިން އަކީ ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފަށައިގަތުމަށް މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާއި ދިމާކޮށް ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅިގެން ރާއްޖެ ވަޑައިގެން އުޅުއްވާ ކޯބިން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި ޖޯޖް ކޯބިން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިން ވަނީ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެމެރިކާ ފަދަ ދުރު ހިސާބުތަކުންވެސް ފަތުރުވެރިންނަށް ފަސޭހަކަމާއެކު ރާއްޖެއަށް އާދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. ޖޯޖް ކޯބިން މަސައްކަތް ކުރައްވަމުންގެ ންދަވަނީ އެމެރިކާގައި ފަތުރުވެރިކަމުގެ ދާއިރާގައި ކޮންސަލްޓަންޓެއްގެ ގޮތުގައިކަމަށްވުމުން ދެބޭފުޅުން ވަނީ މިދާއިރާއިން ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރައްވާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރޭ ރަން ޔޫބީލް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޖޯޖް ކޯބިން ރާއްޖެއ ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވަނީ ޝުކުރު އަދާކުރައްވާ މަރުޙަބާ ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި "ހޯމް ސްޓޭ" ޓުއަރިޒަމް މިހާރު ތަޢާރަފުކޮށްފައިވާކަން ހާމަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކޯބިން ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރާފައިވާ މިންވަރާމެދު ހިތްހަމަޖެހުން ފާޅުކުރައްވާ، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤްބަލް ފެނިވަޑައިގަންނަވަނީ އުޖާލާކޮށް ކަމުގައި ހާމަކުރައްވާފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، އަދި ދިވެހިރާއްޖެ މެދު ފަންތީގެ ފަތުރުވެރިކަމަށް އިތުރު ސަމާލުކަން ދިނުމުގެ މުހިއްމުކަމާމެދު ވާހަކަފުޅު ދައްކަވާފައިވެއެވެ. ހަމައެއާއެކު ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރު ވަރުގަދަކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި އެއަރޕޯޓުތަކެއް ތަރައްޤީވެގެން ދިޔުމަކީ ރާއްޖެއިން ހޯދާފައިވާ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޖޯޖް ކޯބިންވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ތަޢާރަފްކުރުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި ޖޯޖް ކޯބިން ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމްގެ ދަޢުވަތަކަށް 1971 ވަނަ އަހަރުގައެވެ. އޭނާ މިހާރު ރާއްޖެއަށް ވަޑައިގަންނަވާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢާތަށް 50 އަހަރުފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކާ ޓޫރިޒަމް މިނިސްޓްރީގެ ދަޢުވަތަކަށެވެ.