ޚަބަރު

އިތުރަށް ބިން ހިއްކާ މާފަރު އެއަރޕޯޓްގެ ރަންވޭ ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި


ބިންހިއްކުމާއި ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ހިމެނޭހެން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ. މިއަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ނ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައިވަނީ، މާފަރު އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

މާފަރު އެއަރޕޯޓަކީ އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ އެހީގައި ތަރައްޤީކުރި އެއަރޕޯޓެކެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް، އެއަރޕޯޓްގެ ދަތުރުތައް ފެށީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

މިއެއަރޕޯޓްގެ ރަންވޭއަކީ 2200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކެވެ. މާފަރު އެއަރޕޯޓަކީ ފަތުރުވެރިކަމަށް ރާއްޖެ އަންނަ އެންމެ ގިނަ ޖެޓުތައްވެސް ބޭނުންކުރާ އެއަރޕޯޓެވެ. މި އެއަރޕޯޓްގެ ޓަރމިނަލާއި އަދި އެހެނިހެން ޚިދުމަތްތައްވެސް ތަރައްޤީކޮށްފައިވަނީ ބައިނަލްއަޤްވާމީ ދަތުރުތަކަށްވެސް ބޭނުންކުރެވޭ ފެންވަރަށެވެ. ނަމަވެސް ބައިނަލްއަޤްވާމީ ޝެޑިއުލް ދަތުރުތައް ފެށުމަށް ރަންވޭ ބޮޑުކޮށް، ބައެއް އިތުރު ބަދަލުތައް އެއަރޕޯޓަށް ގެންނަންޖެހެއެވެ.

ޖެނުއަރީމަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ނ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވީ މާފަރު އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތް ނުފެށިވަނީ، ބީލަމުގެ މަރުހަލާގައި ދިމާވި މައްސަލަތަކަކުންކަމަށެވެ. ރައީސް ވިދާޅުވީ މި މަސައްކަތުގައި ރަންވޭއާއި އެއަރޕޯޓް ޓަރމިނަލްވެސް އިތުރަށް ތަރައްޤީކުރާނެކަމަށެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިހާރު މިވަނީ، އެއަރޕޯޓްގެ ދެވަނަ ފިޔަވަހި ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ. މިއާ ގުޅިގެން ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައިވަނީ މާފަރު އެއަރޕޯޓްގެ ފޭސް 2، އީ.ޕީސީ. ޓަރންކީ އުސޫލުން ކޮށްދޭނެ ބަޔަކު ހޯދުމަށެވެ. މީގެތެރޭގައި ހިމެނެނީ ސަރވޭގެ މަސައްކަތްތަކާއި އިންޖިނިއަރިންއާއި ޢަމަލީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށެވެ.

މާފަރު އެއަރޕޯޓްގެ ފޭސް 2ގެ މަސައްކަތާއި ގުޅިގެން ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތުގައި ހިމެނެނީ މާފަރު އެއަރޕޯޓްގެ ތަރައްޤީއަށް ބިން ހިއްކުމާއި އަދި ރަންވޭ ބޮޑުކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން މިހާރު އޮތް 2200 މީޓަރުގެ ރަންވޭ 2800އަށް ބޮޑުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިކަމަށް ބޭނުންވާ ބިން ހިއްކާ، ރަންވޭ ބޮޑުކޮށް ބައިނަލްއަޤްވާމީ ދަތުރުތައް ކުރެވޭ ފެންވަރަށް ގެނައުމުގެ މަސައްކަތެވެ.

މި މަސައްކަތުގެ ބީލަން ހުށައެޅުން އޮންނާނީ އަންނަ މަހުގެ 24ވަނަ ދުވަހުއެވެ. މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން 135000 ޑޮލަރުގެ ބިޑް ސެކިއުރިޓީއެއް ހުށައަޅަން ޖެހޭނެއެވެ.