ކުޅިވަރު

އެންމެ ފަހު ޗެންޕިއަން އެޓްލެޓިކޯ މެޑްރިޑް ލެވަންޓޭ އަތުން ބަލިވެއްޖެ


ސްޕެނިޝް ލަ ލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް، ލީގްގެ އެންމެ ފުލުގައި އޮތް ލެވަންޓޭ އަތުން ބަލިވެއްޖެއެވެ. ލެވަންޓޭ ލަލީގާ ތާވަލްގެ އެންމެ ފުލުގައި އޮތީ 24 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކުއެވެ. ސްޕެނިޝް ލަ ލީގާގައި އެތުލެޓިކޯ މެޑްރިޑް މިމެޗުން ބަލިވެފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ 54ވަނަ މިނެޓްގައި ލެވަންޓޭއަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ގޮންޒާލޯ މެލޭރޯއެވެ. މިލަނޑަށްފަހު ވެސް ލެވަންޓޭއަށް ލީޑް ފުޅާކުރުމަށް ރަގަނޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް އެފުރުސަތުތަކުގެ ބޭނުން ލެވަންޓޭއަށް ހިފޭގޮތެއް ނުވިއެވެ.

މެޗްގެ އިތުރު ވަގުތުގައި ލެވަންޓޭގެ މީކާއިލް މަލްސާ ދަނޑުގެ މެދު ރޮނގާ ހަމައިން ފޮނުވާލި ބޯޅަ ހުރަސް ދަނޑިއާ އަމާޒު ވިއިރު، ހެކްޓާ ހެރޭރާ ނެގި ބޯޅައެއް އެތުލެޓިކޯގެ ކީޕަރު ޔާން އޮބްލަކް ބޮލުން ފޮނުވައިލުމުން ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. މިއީ އެންމެ ފަހުން އެތުލެޓިކޯ މެޑްރިޑް ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން ބަލިވި 6 ވަނަ މެޗެވެ. އެތުލެޓިކޯ މި ވަގުތު އޮތީ ލީގް ތާވަލްގެ 5 ވަނައިގައި 39 ޕޮއިންޓާއެކުއެވެ. ތާވަލްގެ އެއްވަނައިގައިވާ ރިއަލް މެޑްރިޑަށް 24 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ.