ވިޔަފާރި

އިންޑިއާ މާކެޓްގައި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް


އިންޑިއާ މާކެޓްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީން ޑެސްޓިނޭޝަން އޮންލައިން ޓްރޭނިން ޕްރޮގްރާމެއް ފަށައިފިއެވެ. މިޕްރޮގްރާމް ކުރިއަށް ދާނީ 16 ފެބްރުއަރީން 16 މެއިގެ ނިޔަލަށެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަނީ ޓޫހަބްއާއި ގުޅިގެންނެވެ. މިކުންފުނީގެ ޕޯޓް ފޯލިއޯގައި 60 ވުރެ ގިނަ ޤައުމުގެ 40،000 އަށްވުރެ ގިނަ ޓުއަރ ޕެކޭޖު ހިމެނެއެވެ.

އެމްއެމްޕީއާރުސީ އަދި ޓޫހަބްއިން ކުރިއަށް ގެންދާ މި ޑެސްޓިނޭޝަން އޮންލައިން ޓްރޭނިން ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތު މިކަމަށް ޚާއްސަކުރެވިފައިވާ ވެބްސައިޓް މެދުވެރިކޮށް އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކުރެވޭނެއެވެ. އެގޮތުން ރާއްޖޭގެ މައުލޫމާތު ހިއްސާކުރާނީ ޓޫހަބްގެ މެމްބަރު ޓުއަރ އޮޕަރޭޓަރުންނާއި، އެޖެންސީތަކާއެކުއެވެ.

މި ވެބްސައިޓުގައި ހިމެނޭ މައުލޫމާތު ޓޫހަބްގެ މެމްބަރުންނަށް ހާއްސަކުރެވިފައިވާ ލޮގިންއިން ވަދެ ބަލާލެވޭނެއެވެ. ވެބްސައިޓްގެ ޒަރިއްޔާއިން ފޯރުކޮށްދޭ މައުލޫމާތުތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޚަބަރުތަކާއި ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވްއަބޯޑުތަކުގެ މައުލޫމާތު ހިމެނެއެވެ.

މި އޮންލައިން ޓްރޭނިން ޕްރޮގްރާމް ކުރިއަށްގެންދާ ތިން މަސްދުވަހުގެ މުއްދަތުގައި ޓޫހަބްގެ 500 ޓްރެވަލް ޕާޓްނަރުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މީގެ ސަބަބުން ފަތުރުވެރިކަމަށް ލޯބިކުރާ 120،000 ފަރާތައް ރާއްޖެ އިޝްތިހާރުވާނެކަމަށް ބެލެވެއެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން އިންޑިއާ މާކެޓުން ފަތުރުވެރިން ރާއްޖެ އައުމަށް ފަތުރުވެރިން ބުކިން ހަދާ މިންވަރާއި، އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.

މިއަހަރުގެ މިހާތަނަށް 13،947 ފަތުރުވެރިން އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު އެގައުމު ހިމެނިފައިވަނީ ރާއްޖެއަށް ތިން ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ގައުމަށެވެ. ފާއިތުވި އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކަށް ވެފައިވަނީ ވެސް އިންޑިއާ އެވެ.