ޚަބަރު

ސެޕްޓެމްބަރުމަހުގެ ނިޔަލަށް މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށޭނެ: އާޒިމް


ސެޕްޓެމްބަރުމަހުގެ ނިޔަލަށް މާލޭގައި މިނީ ބަހުގެ ޚިދުމަތްދޭން ފެށޭވަރުވާނެ ކަމަށް އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިނީ ބަހުގެ ޚިދުމަތަށް ބޭނުންވާ ބަސްތައް ފައިނަލްކޮށް، ޚިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ކުރަންޖެހޭ މަޝްވަރާތައް ކުރަމުންދާކަމަށެވެ. އަދި މި ޚިދުމަތުގައި ބޭނުންކުރާނެ ބަސްތަކެއް ކަނޑައެޅި، އޯޑަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރަން ހަމަޖެހިފައިވަނީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރޯނިކް މިނީ ބަސްތަކެކެވެ. މި ބަސްތައް ގެނެސް ބަހައްޓާނެ ބިމެއް ސަރުކާރުން އެމް.ޓީ.ސީ.ސީއަށް ވަނީ ޙަވާލުކޮށްފައެވެ. އާޒިމް ވިދާޅުވީ، އެމް.ޓީ.ސީ.ސީގެ އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރު ނިމެންވާއިރަށް މާލޭގައި މިނީ ބަހުގެ ޚިދުމަތް ދޭން ފެށުންކަމަށެވެ. އަދި އެކަމަށްޓަކާ މާލޭގެ ބައެއް މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސިޓީ ކައުންސިލާ ގުޅިގެން ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ ސެޕްޓެމްބަރު ނިމެންވާއިރަށް މިނީ ބަހުގެ ޚިދުމަތް މާލޭގައި ފެށުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައި ނިންމުމަށް. އީވީ ބަސްތަކެއް އަޅުގަނޑުމެން ގެންގުޅޭނީ. މި ބަލަނީ ކޮންމެ 10 މިނެޓަކުން ބަސް ސްޓޮޕްތަކަށް ދަތުރުތައް ކުރާގޮތަށް ފަށައިގަންނައިރު. ފުލުހުންނާވެސް ސިޓީ ކައުންސިލާވެސް ވާހަކަދައްކަމުން މިދަނީ މަގުތައް ރަނގަޅަށް ތަރުތީބުކޮށް ރީތިކުރުމަށް ބަސްތަކަށް ދުއްވޭ ވަރަށް" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މިނީ ބަހުގެ ޚިދުމަތް ދިނުމަށް އިލެކްޓްރިކް ވެހިކަލްތަކެއް ބޭނުންކުރަން ނިންމާފައިވީނަމަވެސް، ޓްރެފިކަށް ބަލާ، ޑީސެލް ބަސްތަކެއްވެސް ޚިދުމަތް ފަށައިގަންނައިރުގައި ބޭނުންކުރަން ޖެހިދާނެކަމަށެވެ. މިނީ ބަސްތައް ދަތުރުކުރާނެ ރޫޓްތައް ކަނޑައަޅާނީ މާލޭގެ މައި ބޮޑެތި މަގުތައް ހިމެނޭހެންކަމަށާއި، މިނީބަހުގެ ރޫޓާއި، އެމް.ޓީ.ސީ.ސީން މާލެއާއި ހުޅުމާލެއާއި ދެމެދުކުރާ ބަސްދަތުރުތަކުގެ ރޫޓާވެސް ގުޅުވާލާނެކަމަށް އާޒިމް ވިދާޅުވިއެވެ.

"އަމީނީމަގާއި، މަޖީދީމަގާއި، ފަރީދީމަގާއި، ބޮޑުތަކުރުފާނުމަގުގެ ނަސަންދުރަ ކައިރިން މިނީ ބަސްތައް ދަތުރުކުރަމުންދާނެ. ދެން ވަން ވޭއަށް ދުއްވާނީ ހުރިހާ ބަސްތަކެއްވެސް. ވަރަށް ފަސޭހަވާނެ. އަޅުގަނޑުމެންގެ މައި ނެޓްވޯކާވެސް އޮންނާނީ ގުޅާލާފައި. އެހެންވީމަ ހުޅުމާލެއިން އަންނަ ބޭފުޅުންވެސް ހަމަ އަޅުގަނޑުމެންގެ މިނީ ބަހުގައި މާލެތެރެއަށް އަރައިގެންދެވޭ ކަހަލަ ގޮތަކަށް ރާވާފައި މިވަނީ ފަށައިގަންނައިރު" އާޒިމް ވިދާޅުވިއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ގެންނަ ބަސްތަކަކީ 15 މީހުންގެ ޖާގައިގެ ބަސްތަކެއްކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި މިނީ ބަހުގެ ޚިދުމަތް ދޭން ފެށުމުން، ޚިދުމަތުގެ ޑިމާންޑަށް ބަލާ، ބަސްތައް އިތުރުކުރުމާއި، ބަސް ދަތުރުކުރާނެ ރޫޓްތައް އިތުރުކުރަމުންދާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.