ކުޅިވަރު

ހަނިގޮތަކަށް ވެލެންސިޔާއިން ޔޫވީގެ މައްޗަށް ކުރި ހޯދައިފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުލަބް ވެލެންސިޔާއިން ޔުނައިޓެޑް ވިކްޓްރީއާއި ވަދާކުރި މެޗުން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ. މިމެޗް ކުލަބް ވެލެންސިޔާ ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ. މިއީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ދެވަބަ މެޗެވެ. މިއީ ކުލަބް ވެލެންސިޔާއިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. މިމެޗަށް ކުލަބް ވެލެންސިޔާއިން ނިކުމެފައިވަނީ ބަދަލްތަކަކާއެކުއެވެ. ކެޕްޓަން ޢަލީ ފާސިރާއި ޢަލީ އަޝްފާގަށް އަނިޔާވެ ހުރީ ކުޅުމާއި ދުރުގައެވެ. އަދި ކީޕަރު މުޙައްމަދު ފައިސަލް އާއި އައްސަދު ޢަލީވެސް މިވަގުތު ހުރީ ކުޅުމާއި ދުރުގައެވެ. ކުލަބް ވެލެންސިޔާއިން ވަނީ އެޓީމާއި އެންމެ ފަހުން ގުޅުނު ޢަބްދުﷲ ޔާމީން (ޔާން) ފުރަތަމަ 11ގައި ހިމަނައިފައެވެ.

މިމެޗްގައި މޮޅަށް ކުޅެފައިވަނީ ކުލަބް ވެލެންސިޔާއިންއިންނެވެ. ނަމަވެސް މެޗްގެ ކުރީކޮޅުގައި ކުލަބް ވެލެންސިޔާއިން މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ވެލެންސިޔާގެ މިފުރުސަތަށްފަހު ޔުނައިޓެޑް ވިކްޓްރީގެ އަހުމަދު ބައްސާމް ގޯލާއި ދިމާލަށް ބޯޅަ ފޮނުވާލުމުގެ ކުރިން ވެލެންސިޔާގެ ޑިފެންޑަރުން ވަނީ އެބޯޅަ ދިފާޢުކޮށްފައެވެ. މެޗް ކުރިއަށްދިޔަ ވަރަކަށް ވެލެންސިޔާއިން ވަނީ ކުޅުން ރަގަނޅުކޮށްފައެވެ. ވެލެންސިޔާއިން ގޯލެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވީ މެޗްގެ 29ވަނަ މިނެޓްގައެވެ. މިލަނޑު ވެލެންސިޔާއަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ޔާމީން (ޔާން)އެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ވެލެންސިޔާގެ ބިދޭސީ ކުޅުންތެރިޔާ ހަލީލްގެ ފަޔަށް ލިބުނު އަނިޔާއާއި ގުޅިގެން އެނާ ވަނީ ބަދަލްކޮށްފައެވެ.

ވެލެންސިޔާއިން އެޓީމްގެ ފުރަތަމަ ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް، އެޓީމަށް ލީޑް ފުޅާކުރުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ވެލެންސިޔާގެ ބިދޭސީ ކުޅުންތެރިޔާ ބޯހަސް ޔޫވީގެ ކީޕަރު ބޯ މަތިން ގޯލާއި ދިމާލަށް ބޯޅަ ފޮނުވާލިނަމަވެސް، އެބޯޅަ ގޯލަށް ވަނުމުގެ ކުރިން ޔޫވީގެ ޑިފެންޑަރ މޫސާ އަޒީމް ވަނީ ރޮނގުމަތިން ކަހަލަގޮތަކަށް އެބޯޅަ ސަލާމަތްކޮށްފައެވެ. މެޗްގައި ކުލަބް ވެލެންސިޔާއިން އެޓީމްގެ ދެވަނަ ގޯލްޖެހީ މެޗްގެ 42ވަނަ މިނެޓްގައެވެ. މިލަނޑު ވެލެންސިޔާއަށް ކާމިޔާބުކޮށްދިނީ ބޯހަން މާޓިންއެވެ. މެޗްގެ ފުރަތަމަ ހާފް ނިމެންދަނިކޮށް ޔޫވީއަށް ގޯލެއް ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ޓޯނީ ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަވަނީ ވެލެންސިޔާގެ ކީޕަރު ކީޕަރު ތަލާލް ހަސަން ދިފާޢުކޮށްފައެވެ.

މެޗްގެ ދެވަނަ ހާފްގެ ކުރީކޮޅުގައި ދެ ޓީމްގެ ފަރާތުންވެސް ފެނިފައިވަނީ އާދައިގެ ކުޅުމެކެވެ. އެއްވެސް ޓީމަކަށް މާރަގަނޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ. މެޗްގައި ޔޫވީއިން ފަރަގު ކުޑަކުރި ލަނޑު އެޓީމަށް މެޗްގެ 61ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އިވާން ވެރާސްއެވެ. މިލަނޑަށްފަހު ޔޫވީއިން ވަނީ ކުރިއަށް ޖެހިލައިގެން އިތުރު ގޯލެއް ޖެހުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން މެޗްފެ 77ވަނަ މިނެޓްގައި ޔޫވީގެ ޓޯނީ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ނަމަވެސް، ޔޫވީގެ ކުޅުންތެރިއަކަށް އެބޯލަ ގޯލާ ދިމާކޮށްލެވޭ ގޮތެއް ނުވިއެވެ.

ވެލެންސިޔާއަށް މެޗްގައި ލީޑް ފުޅާކުރުމަށް މެޗްގެ 80ވަނަ މިނެޓްގައި ލިބުނު ފުރުސަތުގެ ބޭނުން ހުސައިން ހާނާންއަށް ހިފޭ ގޮތެއް ނުވިއެވެ. މެޗްގެ ފަހު ކޮޅުގައި ދެ ޓީމަށްވެސް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތު ލިބިގެންދިޔައެވެ. ނަމަވެސް އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. އަދި މިމެޗްގައި ވެލެންސިޔާގެ ކީޕަރު ތަލާލް ވަނީ މެޗްގައި މޮޅު ކުޅުމެއް ދައްކާފައެވެ.