ހުޅުމާލޭ ދެވަނަ ފިޔަވަހީ ބީޗް ސަރަޙައްދުން ގޯތި ގަތުމަށް ހުޅުވާލި ފުރުޞަތުގައި ބީލަމުގައި އެންމެ ބޮޑު އަގު ހުށައެޅި 34 މީހުންނަށް ގޯތި ވިއްކާލައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ ބީލަމުގެ އުސޫލުން ގޯތި ލިބިފައިވަނީ އަކަފޫޓަކަށް 7000 ރުފިޔާއާއި 9000 ރުފިޔާއާއި ދެމެދުގެ އަގު ހުށައެޅި ފަރާތްތަކަށްކަމަށެވެ. މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހިން އަމިއްލަ ފަރާތްތަކަށް ބިން ގަތުމަށް ހުޅުވާލި ދެވަނަ ފަހަރެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށް އެޗްޑީސީން ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27ވަނަ ދުވަހުއެވެ. މީގެތެރޭގައި ހިމެނެނީ ބީޗް ފުރަންޓް ނުވަތަ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށާއި ކުރިމަތިން ދޫކުރުމަށް ނިންމި 26 ގޯއްޗާއި، އަދި ގޮނޑުދޮށާއި ކައިރި ސަރަޙައްދުތަކުން ބީލަމަށް ހުޅުވާލި 34 ގޯއްޗެވެ.
މި ދެ ބީލަމުގެ މަރުޚަލާވެސް މިހާރު ނިމި، މިވަނީ 60 ގޯތި ލިބުނު މީހުން ކަނޑައަޅާފައެވެ. ބީޗް ފްރަންޓް ގެތަކުގެ ބީލަން ކުރިއަށްގެންދިޔައީ މިމަހުގެ 9ވަނަ ދުވަހުއެވެ. އަދި މިހާރު މިވަނީ، ބީޗް ސަރަޙައްދުން ދޫކުރުމަށް ނިންމި 34 ބިމުގެ ބީލަން މަރުޚަލާވެސް ނިމިފައެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ ބީޗް ސަރަޙައްދުން ދޫކުރުމަށް ނިންމި 34 ގޯއްޗަށް އެދި 179 މީހުން ބީލަން ހުށައެޅިކަމަށެވެ. ގޯތި ދީފައިވަނީ ބީލަމުގައި އެންމެ ބޮޑު އަގު ހުށައެޅި ފަރާތްތަކަކަށެވެ. މީގެތެރޭގައި ހިމެނެނީ 7000 ރުފިޔާއާއި 9000 ރުފިޔާއާއި ދެމެދުގެ އަގުތައް އަކަފޫޓަކަށް ހުށައެޅި ފަރާތްކެވެ.
މިމަހުގެ 9ވަނަ ދުވަހު ބީޗް ފްރަންޓުގެ ގެތަކަށް ބީލަން ހުށައެޅި 211 މީހުންގެ ތެރެއިން ބިން ލިބިފައިވަނީ 6000 ރުފިޔާއާއި 10000ރުފިޔާއާއި ދެމެދުން އަކަފޫޓަކަށް އަގު ހުށައެޅި 26 މީހުންނަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކި ގޯތިތަކަކީ 1،603.07 (އެއްހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި، 2،633.82 (ދެހާސް ހަސަތޭކަ ތިރީސްތިނެއް ޕޮއިންޓް އަށެއް ދޭއް) އަކަފޫޓާއި ދެމެދުގެ ބިންތަކެވެ.
މި ދެ ކެޓަގަރީގެ ބީލަމުގައި ބައިވެރިވި ފަރާތްތަކުންވެސް ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000 (ތިން ލައްކަ ވިހި ހާސް) ރުފިޔާ ބަހައްޓާފައިވެއެވެ.
ބިން ދިނުމުގައި އިސްކަންދީފައިވަނީ އަލަށް ބިން ގަންނަ ފަރާތްތަކަށެވެ. އަދި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް/ ގޯއްޗެއް ރަޖިސްޓްރީ ކޮށްފައި ނުވާ މީހުންނަށެވެ. މީގެއިތުރުން ކޮންމެ މީހަކަށްވެސް ގަނެވެނީ އެއް ބިމެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ހިއްކީ 2017ވަނަ އަހަރުއެވެ. އޭގެފަހުން އަމިއްލަ ފަރާތްތަކަށް ޚާއްސަކޮށްގެން ބިން ވިއްކުމަށް ހުޅުވާލީ އެންމެ ފަހަރަކުއެވެ. އެ ފަހަރު ދޫކުރީ 42 ބިމެވެ.
މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން މި ސަރަޙައްދުގައި ގެދޮރުވެރިކުރުމުގެ ބޮޑު މަޝްރޫޢުއެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ އިޢުލާންކުރައްވާފައެވެ. މާލޭގެ ރައްޔިތުންނަށް 5000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު މީގެތެރެއިން 1000 ގޯތި ދިނުމަށް ނިންމާފައިވަނީ ހުޅުމާލެއިންނެވެ.