ޚަބަރު

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ ގުޅޭ އުސޫލު ޑްރާފްޓް މަރުޙަލާގައި


މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމާ ގުޅޭގޮތުން އެކުލަވާލާ އުސޫލުގެ ޑްރާފްޓްގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް ސަރުކާރުން އެކުލަވާލުމަށް މަސައްކަތްކުރަމުންދާ އުސޫލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ އެމަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި ޑްރާފްޓް މަސައްކަތް ފައިނަލް ކުރުމުގެކުރިން އަންނަ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލޭގެ އެކި ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާނެކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

"އުސޫލުގެ ޑްރާފްޓް މަސައްކަތް ކުރިއަށް އެބަދޭ. އަންނަ ހަފްތާގެ ތެރޭގައި މަޖިލީހުގެ ޢިއްޒައްތެރި މެމްބަރުންނާއެކު އަޅުގަނޑުމެން މަޝްވަރާއަށް އިށީންނާނަން މިއުސޫލު ފައިނަލް ކުރާނީ އޭގެފަހުން. އަޅުގަނޑަށް ޤަބޫލުކުރެވެނީ މާލޭގެ ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަމެއް ނިންމުމުގެ ކުރިން ތިބޭފުޅުންނާވެސް މަޝްވަރާކުރަންޖެހޭނެކަމަށް." މިނިސްޓަރ ވިދާޅުވިއެވެ.

މާލެއަތޮޅު ގިރާވަރު ހިއްކައިގެން އެތަނުން މާލޭގެ ރައްޔިތުންނަށް 2000 ގޯތި ދޫކުރުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. މާލޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ގޯތި ދޫކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ވިދާޅުވެފައެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގައި 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި މިހާރުވެސް ފަށައިގެން ކުރިއަށްދާކަންވެސް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. ފްލެޓްތައް ތަރައްޤީކޮށް ދޫކުރާ ހައުސިންގ ޔުނިޓްތަކުގެ އިތުރުން، މާލޭގެ ރައްވެހިންނަށް ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.