ޚަބަރު

ހުރިހާ ރަށަކަށް ތާރުއެޅި މަގުތައް ބޭނުން ނުވާކަން ވިސްނައިދޭން ޖެހޭ - އަސްލަމް


ތަރައްޤީ ގެނައުމުގައި ރާއްޖޭގެ ޖަޒީރާވަންތަކަން ނުގެއްލޭގޮތަށް ރާއްޖޭގެ ވެއްޓާ ގުޅޭނެފަދަ ކޮންސެޕްޓްތައް ރައްޔިތުންނަށް ވިސްނައިދިނުމަކީ މިއަދު ކުރަންޖެހިފައިވާކަމެއްކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ތާރުއެޅުމަކީ ގުދުރަތީގޮތުން ރާއްޖެއަށް ލިބިފައިވާ ރީތިކަން ނެތިދާފަދަ ކަމެއްކަމަށެވެ.

ވިލިނގިލީ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ މިހާރު ޢާއްމުވަމުންދާ ތަރައްޤީގެ އެއް ކޮންސެޕްޓަކީ ރަށްރަށުގައި ތާރުއަޅައިގެން މަގުހެދުންކަމަށެވެ. އެގޮތުން މިހާރުވެސް 22 ރަށެއްގައި ތާރު އަޅައިގެން މަގު ހެދުމަށް ކޮންޓްރެކްޓް ކުރެވިފައިވާކަމަށާއި އިތުރު 19 ރަށެއްގެ މަސައްކަތް ޕްލޭނިންގ މަރުޙަލާގައިވާކަމަށެވެ. އެހެންނަމަވެސް މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮންމެހެން ކުރުން ރަނގަޅުކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަން މިއަދު ރައްޔިތުންނަށް ވިސްނައިދޭންޖެހިފައި ވާކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ.

"ފެނާއި ނަރުދަމާގެ ނިޒާމަކުން ރައްޔިތުންނަށް ބޭނުންވާ ފެން ފޯރުކޮށްދެވިދާނެ. އެކަމަކު މިވެއްޓަށް އަދި ގަސްގަހާގެއްސަށްވެސް ފެން ބޭނުންވޭ. ތާރުއަޅާ ހިސާބުން ރަށަށް ވެހޭހާ ފެން ޑްރެއިން ސިސްޓަމް ހަރުކޮށް ރަށުން ބޭރަށް ފޮނުވާލެވެނީ." މިނިސްޓަރ ވިދާޅުވިއެވެ.

ދޮންވެލި ޖަޒީރާ ރަށްތަކުގެ މަގުތަކުގައި ތާރުއަޅައިގެން ހެދުމުގެ ބަދަލުގައި މަގު ހަދަންޖެހެނީ އެރަށެއްގެ މަގުތައް ބޭނުންކުރެވޭ ގޮތަށް ބެލުމަށްފަހުކަން ރައްޔިތުންނަށް މިއަދު ބުނެދޭންޖެހޭކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކުދިކުދި ރަށްތަކުންވެސް މަގުތަކުގައި ތާރުއެޅުމަށް ޑިމާންޑުކުރުމަކީ ރާއްޖޭގެ ޖަޒީރާވަންތަކަން ގެއްލިދާނެ ކަމެއްކަމުގެ ކަންބޮޑުވުން މިނިސްޓަރ އަސްލަމްވަނީ ފާޅުކުރައްވާފައެވެ. މިއީ ގިނަ ބަޔަކު އަޑުއަހަން ބޭނުންވާ ވާހަކައެއް ނޫންނަމަވެސް މިއީ މިވާހަކަތައް ދައްކަންވީ ދަނޑިވަޅުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ގއ.ކޮލަމާފުށީގެ މަގުހެދުން ކުރިއަށް ނުދާ ސަބަބު ބަޔާންކޮށްދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މިދިޔަ އަހަރު އާރްޑީސީއާ ޙަވާލުކުރެވުނު މިމަޝްރޫޢުގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ހިސާބު ޖެހޭ މިންވަރަށް ލިބިވަޑައިގެންފައި ނުވާކަމަށެވެ.