ވިޔަފާރި

މިފްކޯގެ ބޯޓަކުން 155 ޓަނުގެ މަސް ކިރައިގެން ރެކޯޑެއް ޤާއިމްކޮށްފި


ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯ ތާރީޙުގައިވެސް ފުރަތަމަ ފަހަރަށް އެއް ބޯޓަކުން 155 ޓަނުގެ މަސް ކިރާފައިވާކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

ފެލިވަރު މެނޭޖަރ މުހައްމަދު އިބްރާހީމް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިފްކޯގެ ޖަޒީރާ 102 ބޯޓަކީ އެކުންފުންޏަށް ރައީސް ސާލިހުގެ ޒައާމަތުގެ ދަށުން މިދިޔަ އަހަރު ގެނައި ބޯޓެއް ކަމަށެވެ. އަދި މިހާތަނަށް ބޯޓުގެ މަސައްކަތް އެއްކޮށް ނިމިފައި ނެތްނަމަވެސް މަސްވެރިކަން ރަނގަޅުވުމުން މަސް ގަތުމުގެ މަސައްކަތަށް އެ ބޯޓު ނެރެގެން ކުރިއަށް ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

ފެލިވަރު މެނޭޖަރ ވިދާޅުވީ ޖަޒީރާ 102 ބޯޓުން ހޯމަ ދުވަހު ވަނީ 155 ޓަނުގެ މަސް ކިރާފައިކަމަށެވެ. އަދި މިއީ އެ ބޯޓުގެ ފުރިހަމަ ކެޕޭސިޓީކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުންމިއީ މިއީ މިފްކޯގެ ތަރީހުގައިވެސް މަސްކިރާ ބޯޓަކުން އެންމެ ގިނަ އަދަދަކަށް މަސް ގަތް ފަހަރުކަމަށް އެކުންފުނީން ހާމަ ކުރެއެވެ. މި ބޯޓަށް މަސް ކިރާފައިވަނީ ތިނަދޫ ބަނދަރުންނެވެ.

މި ބޯޓުގައި މިވަގުތު މަސްގަތުމުގެ މަސައްކަތް ކުރަމުންދާއިރު ބޯޓުގެ ބަދިގޭގެ މަސައްކަތް އެއްކޮށް ނިމިފައި ނުވެއެވެ. އަދި ބޯޓަށް ބޭނުންވާ އަދަދަަށް ކްރޫންވެސް ހަމަ ނުވެއެވެ. ނަމަވެސް ދަތިތަކާއި އެކުވެސް ބޯޓު ނެރެގެން މަސްގަތުމުގެ މަސައްކަތް ކުރިއަށްދަނީ މަސްވެރިންނަށްޓަކައިކަމަށް އޭނާ ވިދާޅުވިއެވެ.

މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވާއިރު، އެކުންފުންޏަށް އިތުރު ބޯޓުތައް ގެނެސް މަސް ގަތުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ބޯޓުތަކަކީވެސް އެ މަސައްކަތުގެ ތެރެއިން ގެނައި ބޯޓުތަކެވެ.

މިއަހަރު ރިޔާސީ ބަޔާން އިއްވައި ދެއްވަމުން ރައީސް އިބްރާހީމް މުހައްމަދު ސާލިޙް ވަނީ މިފްކޯ އެސްޓީއޯގެ ދަށުން ވަކިކޮށް އަމިއްލައަށް ހިންގޭ ކުންފުންޏަކަށް މިއަހަރު މެދުތެރޭ ހައްދަވާނޭކަމަށް ވިދާޅުވެފައެވެ.