ޚަބަރު

ރާއްޖެއިން ވެލިފުކެއްގެ މިންވަރުވެސް އިންޑިއާއަށް ދޭން އެއްބަސްވެފައެއް ނޯންނާނެ: ދިވެހި ޚާރިޖިއްޔާ


ރާއްޖެއާއި އިންޑިއާއާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުން އެންމެ ވެލިފުކެއްގެ މިންވަރުވެސް އިންޑިއާއަށް ލިބޭނެގޮތެއް ނޯންނާނެކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ޕީޕީއެމްއައި ޕީއެންސީން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުން ޤައުމީ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމުގގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއަށް ދިވެހި ޚާރިޖިއްޔާގެ އިސް ބޭފުޅުން ވަނީ ޙާޒިރުކުރައްވާފައެވެ.

މި ކޮމިޓީގައި ބައެއް މެންބަރުން ވަނީ އިންޑިއާއާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އަސަރުކުރާފަދަ އެއްވެސް ވާހަކައެއް ބަޔާންކޮށްފައިވޭތޯ ސުވާލުކުރައްވާފައެވެ. އަދި ރާއްޖެއިން ވެލިފުކެއްގެ މިންވަރުވެސް އިންޑިއާއަށް ލިބޭގޮތަށް އެ އެއްބަސްވުންތަކުގައި ވާނެތޯ މެމްބަރުން ސުވާލުކުރެއްވިއެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއަރޒް އަޙްމަދު ޚަލީލް ވިދާޅުވީ، 1965ގައި އދ.ގެ މެންބަރު ޤައުމަކަށްވި ކުޑަ ޤައުމެއް އެ ޖަމްޢިއްޔާގެ ރިޔާސަތާއި ހަމައަށް ދަތުރުކުރެވުނީ އެހެނިހެން ޤައުމުތަކާއެކު އޮތް ބަދަހި ގުޅުމުގެ ސަބަބުންކަމަށެވެ.

ރާއްޖެއިން އެފަދަ ގުޅުންތަކެއް ދަމަހައްޓަމުން އަންނައިރު، އަވަށްޓެރި ދައުލަތްތަކާ ދެކޮޅަށް ރާއްޖޭގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން އޭގެ ނިކަމެތިކަން ލިބޭނީ ދިވެހި ރައްޔިތުންނަށްކަމަށެވެ. ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ތެރޭގައި އެއްވެސް ނަސްލަކަށް އަދި ވަކި ޤައުމަކާ ދެކޮޅަށް ޙަރަކާތްތައް ނުހިންގުމަށް ވެފައިވާ އެއްބަސްވުން ހިމެނޭކަން ފާހަގަކުރައްވައި ޚަލީލް ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތަކީ ކުރިއަށް ގެންދަންވާނެ ހަރަކާތެއް ނޫންކަމަށެވެ. އެފަދަ ހަރާކާތްތަކާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުންވެސް ދެކޮޅުކަމަށް ޚަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާ ފަދަ ސަރަހައްދަކީ ބާރުގަދަ ޤައުމަކާއެކު އޮތް ގުޅުމަށް އސަރުކުރާފަދަ ކަންކަން ކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމެއްކަމަށެވެ. މި ބައްދަލުވުމުގައި ޚަލީލް ވަނީ ރާއްޖެއަށް ގެއްލުންވާނެފަދަ އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާފާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ރާއްޖޭގެ ވެލިފުކެއްގެ ޒައްރެއްގެ މިންވަރުވެސް އެހެން ޤައުމަކަށް ދޭގޮތަށް މިހާތަނަށް އެއްވެސް ކަމެއް ސަރުކާރުން ނިންމަވާފައެއްވެސް އަދި އެއްވެސް އެއްޗެއްގައި ސޮއިކޮށްފައިވެސް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާތަނަށް ކުޑަކުޑަ ވެލިފުކެއްގެ ޒައްރެއްވެސް އެއްވެސް ޤައުމަކަށް ދޭގޮތަށް އަޅުގަނޑުމެން އެއްވެސް ކޮންވެންޝަނެއްގައި ސޮއިކޮށްފައެއް ނުވާނެ. އަދި އިތުރަށް ހަމަ އަޅުގަނޑަކަށް އެއްވެސް ވަރަކަށް "ފޯސީއެއް" ނުކުރެވޭ، ގަބޫލުކުރަން ދަތި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަމެއް ކޮށްފާނެކަމަކަށް." އަޙްމަދު ޚަލީލް ވިދާޅުވިއެވެ.

މިކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްގަފޫރު މުޙައްމަދު ވިދާޅުވީ، އިންޑިއާއަށް އަމާޒުކޮށްގެން ހަރަކާތެއް ހިންގާކަން އެޤައުމުގެ ޢާންމު ރައްޔިތުންނާހަމައަށް ތިލަވެ އެކަމާއި ދެކޮޅަށް ތެދުވެއްޖެނަމަ، އޭގެ ނޭދެވޭ އަސަރު އިންޑިއާގައި ތިބި ދިވެހިންނަށް ކުރާނެކަމަށެވެ.

"މިފަދަ ކަންކަން އިންޑިއާގެ ސިޔާސީ ބޭފުޅުން ނަންގަގަވައި، ޕާލިމަންޓުގައި އެ ބޭފުޅުން އިންޑިއާ ސަރުކާރާ އެސުވާލުކުރާނެ. އަދި އެހާބޮޑު އެހީއެއްދޭ ގައުމެއްގައި ތިބި ރައްޔިތުންތަކަކަށް ދަތިކަމާ ކުރިމަތިލާންޖެހޭނަމަ، ދެގައުމުގެ ދެމެދުގައި އޮތް ގާތްކަމާމެދު ސުވާލު އުފައްދާނެ. ހީނަރުކަންވެސް އަތުވެދާނެ." ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ދާއިމީކޮށް ޤާއިމްވެ ތިބޭކަމަށް ބުނެ ކުރާ ތުހުމަތުތަކަކީވެސް ދޮގު ތުހުމަތުތަކެއްކަމަށްވެސް ދިވެހި ޚާރިޖިއްޔާގެ ބޭފުޅުން ވަނީ ކޮމިޓީގައި ވިދާޅުވެފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ޤައުމީ ސަލާމަތަށް އޮތް ނުރައްކަލަކީ ކޮބައިތޯ ސާފުކޮށް ދިރާސާކުރުމަށް އެ މައްސަލަ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.