ކުޅިވަރު

ރޯޔަލް އާއި ޔޫއެން ފްރެންޑްސްއަށް މޮޅެއް


ގައުމީ ބާސްކެޓް ލީގުގެ ދެވަނަ ޑިވިޝަންގައި ރޭ ކުޅުނު މެޗްތައް ރޯޔަލް ބާސްކެޓް ބޯލް ކުލަބާއި ޔޫއެންޑް ފްރެންޑްސް ކާމިޔާބުކޮށްފިއެވެ. ގައުމީ ބާސްކެޓް ލީގުގެ ދެވަނަ ޑިވިޝަންގައި ރޭ ކުޅުނު ފުރަތަމަ މެޗް ރޯޔަލް ބާސްކެޓް ބޯލް ކުލަބް ކާމިޔާބުކުރީ ނައިޓް ބާސްކެޓް ބޯލް ކުލަބާއި ވާދަކޮށް 53 ޕޮއިންޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ 88 ޕޮއިންޓް 35 ޕޮއިންޓުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޯޔަލް ބާސްކެޓް ކުލަބްގެ އަލީ މަބްރޫކް ލަތީފެވެ.

މިމުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށްފައިވަނީ ޔޫއެން ފްރެންޑްސްއެވެ. މިމެޗް ޔޫއެން ފްރެންޑްސް ކާމިޔާބުކުރީ ހުޅުމާލެ ސްޕޯޓްސް ކުލަބާއި ވާދަކޮށް 16 ޕޮއިންޓްގެ ތަފާތުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ 76 ޕޮއިންޓް 60 ޕޮއިންޓުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔޫއެން ފްރެންޑްސްގެ ހަސަން ފާރިޝްއެވެ. މިމުބާރާތުގައި މިރޭވެސް ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެންބައި އަދި އަންހެންބައިގައި 6 ޓީމް ވާދަކުރާއިރު، ދެވަނަ ޑިވިޝަނެއްގައި 21 ޓީމެއް ވާދަކުރާނެއެވެ. 2 ވަނަ ޑިވިޝަންގައި ހިމެނޭ 21 ޓީމު ވަނީ 9 ގްރޫޕަކަށް ބަހާލައިފައެވެ. ލީގުގެ ދެ ވަނަ ޑިވިޝަންގެ 2 ވަނަ ބުރުގައި ވާދަކުރާނީ ކޮންމެ ގްރޫޕެއްގެވެސް ގަދަ 3 ޓީމެވެ.

އެންމެ ފަހުން 2020 ވަނަ އަހަރު އަހަރު ބޭއްވި 14 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގާއި 38 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކިންގްސް ބީސީއެވެ. އަދި ދެ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުއީންސް ބީސީއެވެ.