ކުޅިވަރު

ފައިނަލާ ހިސާބަށް އާދެވުމަކީވެސް ކާމިޔާބީއެއް - ފަރީދު


އެފްއޭއެމް ޔޫތު ޗެންޕިއަންޝިޕްގެ ފައިނަލާއި ހިސާބަށް އާދެވުމަކީވެސް ސުޕަރ ޔުނައިޓަޑް ސްޕޯޓްސް ކުލަބަށް ލިބުނު ކާމިޔާބީއެއް ގޮތުގައި އެޓީމްގެ ކޯޗް ފަރީދު މުޙައްމަދު ސިފަކޮށްފިއެވެ. އެފްއޭއެމްއިން 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒްކޮށްގެން ކުރިއަށްގެންދިޔަ ޔޫތު ޗެންޕިއަންޝިޕްގެ ފައިނަލް މެޗްގައި ސަސް ބަލިވެފައިވަނީ ކުލަބް އީގަލްސްއާއި ވާދަކޮށްގެންނެވެ. އެއީ 1 ލަނޑު 0 ލަނޑުންނެވެ.

ފައިނަލް މެޗަށްފަހު ވާހަކަދައްކަމުން ސުޕަރ ޔުނައިޓަޑް ސްޕޯޓްސް ކުލަބް ކޯޗް ފަރީދު މުހައްމަދު ބުނީ ފައިނަލް މެޗަށް އައިއިރު ސަސްގެ އެއްވެސް ކުޅުންތެރިއަކަށް އެއްވެސް ޕްރެޝަރެއް ނެތްކަމަށް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކިޔައިދިނިންކަމަށާއި ނަމަވެސް މިފަދަ މުބާރާތެއްގެ ފައިނަލް މެޗަށް މުޅިން އާކުދިންނަށް ވުމުން، އެކުޅުންތެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް އޮތްކަމަށެވެ. އަދި މެޗްގައި ސަސްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭކަމަށާއި މެޗްގެ ފުރަތަމަ ހާފްގައި ކުލަބް އީގަލްސްއިން ލަނޑު ޖެހުމުން، މެޗްގެ ދެވަނަ ހާފްގައި ލަނޑެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރުމަށް ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކުރިކަމަށްވެސް ފަރީދު ބުންޏެވެ.

ކޯޗް ފަރީދު ބުނީ ފައިނަލާއި ހިސާބަށް ސަސްއައީ ޓީމުގެ ކުޅުންތެރިންގެ ވަރަށް ބުރަ މަސައްކަތުންކަމަށާއި ޓީމުގެ ގޯލް ކީޕަރުން ފެށިގެން އެންމެ ކުރިއަށް ކުޅޭ ކުޅުންތެރިންނާއި މެދު ވަރަށް ބޮޑު އިތުބާރެއް އޮތްނަކަމަށްވެސް ފަރީދު ބުންޏެވެ. އަދި މެޗުން މޮޅުވުމަށް ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރިކަމަށާއި ނަމަވެސް މިފަހަރު ސަސްއަށް ފައިނަލް މެޗް ކާމިޔާބުކޮށް ޗެންޕިއަންކަން ނުލިބުނީކަމަށްވެސް ފަރީދު ބުންޏެވެ. އަދި ފައިނަލް މެޗަށް ނިކުތްއިރު، ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ވަރަށް ބޮޑަށް ދިމާވިކަމަށާއި އެންމެ ބޭނުންވި ގޮތަށް އަނިޔާގެ ސަބަބުން ބައެއް ކުޅުންތެރިންނަށް ފައިނަލް މެޗްގައި ނުކުޅެވުނުކަމަށްވެސް ސަސްގެ ކޯޗް ފަރީދު ބުންޏެވެ.