ޚަބަރު

އިންޑިއާ ކަނޑުން 763 ކިލޯގެ ޑްރަގް، މަގުމަތީ އަގު 4 ބިލިއަނަށް!


އިންޑިއާގެ ގުޖުރާތުގެ އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި 760 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އާއި އިންޑިއަން ނޭވީ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް މި މަސްތުވާތަކެތީގެ އަގު 266 މިލިއަން ޑޮލަރު ނުވަތަ 4 ބިލިއަށްވުރެ ގިނަ ރުފިޔާއަށްވުރެ މައްޗަށް އަރައެވެ.

އިންޑިއާގެ އެންސީބީން ބުނީ އިންޑިއާ ކަނޑުގެ ސަރަހައްދުން އަތުލައިގަތް މި މަސްތުވާތަކެތީގެ ބަރުދަނުގައި 763 ކިލޯ ހުރިކަމަށާއި، އޭގެ ތެރޭގައި 529 ކިލޯގެ ހަޝިޝްއާއި، 234 ކިލޯގެ ކްރިސްޓަލް މެތަމްފެޓަމައިން ހިމެނޭކަމަށެވެ. އަދި މިތަކެއްޗަކީ ވަރަށް މަތީ ކޮލިޓީގެ ތަކެތިކަމަށްވެސް އިންޑިއާގެ އެންސީބީން ބުނެފައިވެއެވެ.

މިއީ އިންޑިއާ ކަނޑުގެ ސިފައިންނާއި އެންސީބީން ހިއްސާކުރި އިންޓެލިޖެންސް މަޢުލޫމާތުގެ މައްޗަށް ހިންގި ބޮޑު އޮޕަރޭޝަނެއްކަމަށްވެސް އެންސީބީން ބުނެފައިވެއެވެ. މި މަސްތުވާތަކެތި ހުރި ބޯޓް މިހާރު ވަނީ އިންޑިއާގެ ގްޖުރާތު ބަނދަރަށް ގެންގޮސްފައެވެ.

މިއީ ކަނޑުމަގުން އިންޑިއާއަށާއި، އަވަށްޓެރި ބައެއް ޤައުމުތަކަށް މަސްތުވާތަކެތި ގެންގޮސް އޭގެ ވިޔަފާރތި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ މީހުންނާ ދެކޮޅަށް ހިންގި ކާމިޔާބު އޮޕަރޭޝަނެއްކަމަށްވެސް އެންސީބީން ބުނެފައިވެއެވެ.

އިންޓެލިޖެންސް ބައެއް މަޢުލޫމާތުތަކަށް ބަލާއިރު މިސަރަޙައްދުގައި ހިނގާ މަސްތުވާތަކެރީގެ ވަރަށްގިނަ މުޢާމަތާތްތަކަކީ ރާއްޖެއާވެސް ގުޅުންހުރި ކަންކަމެވެ. ކަނޑުމަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ ބޮޑު ބަޔަކީ އިންޑިއާ ކަނޑުގައި ހިނގާ މިފަދަ މުޢާމަލާތްތަކާ ގުޅިފައިވާ ތަކެތިކަމަށް ފުލުހުންގެ މަޢުލޫމާތުތަކުން ހާމަވެއެވެ.

ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 1.3 ޓަނުގެ މަތުވާތަކެތި ދިވެހި ފުލުހުން އަތުލައިގަނެފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އަވަށްޓެރި ޤައުމުތަކާ ގުޅިގެން ދިވެހި ފުލުހުން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ އޮޕަަރޭޝަންގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތްނަމަވެސް، މިއީ މިސަރަޙައްދުގައި ހިންގާ މަސްތުވާތަކެތީގެ މުޢާމަލާތްތަކާ އަޅާބަލާއިރު މަދު މިންވަރެއްކަމަށް ދާދި ފަހުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241)ގައި ވިދާޅުވެފައެވެ.

"އިންޑިއާ އައުޓު"ގެ ނަމުގއި އިންޑިއާ ސިފައިންނާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތާ ގުޅޭގޮތުން މިދިޔަ ހަފްތާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ފާއިތުވި ދެތިން އަހަރު ތެރޭގައި އަތިުލައިގަތް 1.3 ޓަނުގެ މަސްތުވާތަކެއްޗަކީ ހަމައެކނި ދިވެހި ދައުލަތުގެ ޤާބިލްކަން އޮވެގެން ހިންގި އޮޕަރޭޝަންތަކެއްގައި އަތުލައިގަނެވުނު ތަކެތި ނޫންކަމަށެވެ. އެއީ އެކުވެރި ބައެއް ދައުތްތަކުގެ އެހީތެރިކަމާއި ފޯރުކޯށްދޭ މަޢުލޫމާތާއި ފޯރުކޮށްދޭ ޤާބިލްކަމުގެ ސަބަބުން ކުކުރެވޭ މަސައްކަތެއްކަމަށް ހަމީދު ވިދާޅުވިއެވެ. ޚާއްޞަކޮށް އިންޑިއާގެ ކޯސްތްގާޑް އަދި އިންޑިއާ ނޭވީއާއި ދިވެހި ޤައުމީ ދިފާއީ ބާރާއި ރާއްޖޭގެ ކޯސްޓްގާޑާއި އިންޑިއާގެ ސަލާމަތީ ޚިދުމަތްތައް އަދި ސަރަހައްދީ އެހެން ޤައުމުތަކާ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަމަށް ސީޕީ ވިދާޅުވިއެވެ.

"ރާއްޖޭގެ މަސްރަހުގައި މަސްތުވާތަކެތީގެ ވަބާ ގާތްގަނޑަކަށް ބައި ގަރުނަކާ ކައިރިވެފައިވާއިރު އަދި ދުވަހުން ދުވަހަށް އަހަރުން އަހަރަށް ފަސްސަތޭކައާއި ގާތްކުރާ ޢަދަދަކަށް މަސްތުވާތަކެތި ބޭނުންކުރާ މީހުން އަންނަނީ އިތުރުވަމުން. ނުރައްކާތެރި ހެރޮއިން އެއީ ބައި ގަރުނަވެފައި އޮތް މައްސަލާގައި އެންމެ އަސާސީ އެއް ޑްރަގްގެ ބާވަތް. އޭގެ އިތުރުން މެތަމްފެޓަމިން ފަދަ އަޅުގަނޑުމެންގެ ޒުވާނުން ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑު ތަނުން ވަރަށް އަވަސްކޮށް ހަލާކުކޮށްލެވިގެންދާނެފަދަ ނުރައްކާތެރި ޑްރަގްތައް އަޅުގަނޑުމެންގެ ރަށްތަކަށް ގެނެސް މިކުރާކުރުން ޓްރެފިކްކޮށްގެން އޭގެ ވިޔަފާރި ވަރަށް ފުޅާކޮށް ހިނގަމުންދާކަމީ އަޅުގަނޑުމެން އެންމެންވެސް އެއްބަސްވާކަމެއް." ޙަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ، ރާއްޖޭގައި މިހާރު އެންމެ ފުޅާކޮށް ކުށްތަކަށް އަރައިގަނެ މުއްސަނދިވެ ބޮޑެތި އެސެޓްސް ހޯދައި އެކައުންޓްތަކުގައި މިލިއަނުން ފައިސާ ރޯލްކުރާ މީހުން ނިސްބަތްވަނީ މާލޭގައި މިހާރު އެންމެ ބޮޑަށް ހަރަކާތްތެރިވާ ނުރައްކާތެރި 10 ގޭންގާކަމަށެވެ. މި ގްރޫޕުތައް ނުވަތަ ގޭންގުތަކަށް ފައިސާލިބޭ މައިގަނޑު ވަސީލަތަކީ މަސްތުވާތަކެތިކަމަށް އިޝާރާތްކުރައްވައި ސީޕީ ވިދާޅުވީ ދާދި ފަހުންވެސް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ރާއްޖޭގެ ރަށަކަށް އެތެރެކޮށްފައިވާކަމަށެވެ.

"1.3 ޓަނުގެ މަސްތުވާތަކެތި އެއީ އަޅުގަނޑުމެންނަށް އަތުލައިގަނެވިފައިވާ މިންވަރު. އޭގެ އިތުރުންވެސް ރާއްޖެއަށް އިތުރުކުރޭ. އަދިވެސް އެތެރެކުރާނެ. ދާދިފަހަކުވެސް ވެއްޖެ އަޅުގަނޑުމެންނަށް ތަންކޮޅެއް ފަހުން އެނގުނީމަ އޭތި ނުހޯދިފަ ވަނީ. ފުދޭވަރެއްގެ ގިނަ މަސްތުވާތަކެތި އެތެރެކޮށްފަ ވެއްޖެ، ރާއްޖޭގެ ކޮންމެވެސް ރަށަކަށް. އެރުވިތަނުން ގެންގޮސްފަވެއްޖެ. އަޅުގަނޑުމެންނަށް ހޯދިފަ މިވަނީ ވަރަށް މަދު މިންވަރެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ." ޙަމީދު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އިންޑިއާއި ދެކޮޅަށް ރާއްޖޭގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައިވެސް މަސތުވާތަކެތީގެ ވިޔަފަރީގައި އިސްކޮށް އުޅޭ ބައެއް ފަރާތްތައް ހިމެނޭކަމަށެވެ. އެހެންކަމުން މަސްތުވާތަކެތީގެ ނެޓްވޯކްތައް ހުއްޓުބުމަށް އިންޑިއާއާ ގުޅިގެން މަސައްކަތްކުރާތީ، ވަރަށް ގިނަ ބަޔަކު ހިތްހަމަ ނުޖެހޭނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވިއެވެ.