ވިޔަފާރި

ބައިނަލްއަޤްވާމީ 35 އެއަރލައިންއަކުން މިހާރު ރާއްޖެއަށް ދަތުރުކުރޭ


ބައިނަލްއަޤްވާމީ 35 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޯވިޑަށްފަހު ބައިނަލްއަޤްވާމީ ދަތުރުތައް ފެށުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ވަނީ ސީދާ ދަތުރުތަކުން ގުޅާލާފައެވެ. ރާއްޖެއަށް މިހާރު ބައިނަލްއަޤްވާމީ 35 އެއަރލައިންއަކުން ދަތުރުކުރަމުންދާއިރު މީގެތެރޭގައި ޔޫރަޕް، މެދުއިރުމަތި އަދި އޭޝިއާ ސަރަހައްދުގެ ގިނަ އެއަރލައިންތަކަކުން އަންނަނީ ދަތުރުކުރަމުންނެވެ.

މިއަހަރު ފެށުނުއިރު ރާއްޖެއަށް ދަތުރުކުރަމުން ދިޔައީ 33 އެއަރލައިންއަކުންނެވެ. އެއީ ޝެޑިއުލް 23 އެއަރލައިންއަކާއި، ޗާޓަރ 10 އެއަރލައިންއެކެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށްވެސް ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު މިވަނީ އިތުރުވެފައެވެ. އަދި އަހަރުގެ ކުރިއަށްއޮތް ދުވަސްތަކުގައި ޝެޑިއުލް އަދި ޗާޓަރ ދަތުރުތައް ކުރާ އެއަރލައިންތަކުގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 9ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 171،982 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 119،501 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %43.2 ކުރިއެރުމެކެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 28،468 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިނގިރޭސިވިލާތުންނެވެ. އެއީ 18،348 ފަތުރުވެރިންނެވެ. 3ވަނާގައި އުޅެނީ މިދިޔަ އަހަރު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައި އިންޑިއާއެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް އައިސްފައިވަނީ 13،947 ފަތުރުވެރިންނެވެ.