ވިޔަފާރި

ބީއެމްއެލްއިން ސ.ފޭދޫއަށް "މާމަ،ކާފަ" ޕާކެއް


ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އިސް ރަށްވެހިންނަށް ހާއްސަކޮށް ސ.ފޭދޫގައި މާމަ ކާފަ ޕާކެއް ހުޅުވައިފިއެވެ.

ބީއެމްއެލްއިން ބުނީ މި ޕްރޮޖެކްޓްގެ މަގްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅައި އިޖްތިމާއީ ހަރަކާތްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކޮށް ގުޅުން ބަދަހިކޮށް އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުންކަމަށެވެ. މި ޕާކުގައި ވަނީ ހިޔާވާނެ ގޮތަށް ބެންޗު ބަހައްޓައި ޕާކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ކެރަމް، ތާސް އަދި ޗެސް ފަދަ ކުޅިވަރުތައް ކުޅެވޭނެހެން މޭޒާއި ގޮނޑި ބަހައްޓާފައެވެ.

ބީއެމްއެލްއިން ބުނީ މި ސަރަަހައްދަށް ނިސްބަތްވާ ޖަމިއްޔާތަކާއި ގުޅިގެން ހެލްތް ޗެކްއަޕް ފަދަ ހަރަކާތްތަކާއި ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތައް މި ޕާކުގައި ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. މި ޕްރޮޖެކްޓް ހިންގި ފަރާތުން ބުނީ މިއީ މާމަ ކާފަމެންނަށް އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލާ ގުޅުން ބަދަހި ކުރުމަށް މާހައުލެއް ހޯދައި ދިނުމުގެ ގޮތުން ތަރައްގީ ކުރެވުނު ޕާކެއްކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 60 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ބީއެމްއެލްއިން ވަނީ ފޯރުކޮށްދީފައެވެ.