ޚަބަރު

ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓު، އިތުރު 4ރަށުގައި ހައުސިންގ މަޝްރޫޢު


ހދ.ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. ކުޅުދުއްފުށީގެ އިތުރުން ފިނޭނޭސްއިންވަނީ އިތުރު 4 ރަށެއްގައި، ހައުސިންގ މަޝްރޫޢު ހިންގައިދޭނެ ބަޔަކު ހޯދުމަށްވެސް އިޢުލާން ކޮށްފައެވެ.

މާލެ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ، އާބާދީ އިތުރުވަމުން އަންނަ ރަށްރަށަށްވެސް އޮތް އެންމެ ބޮޑު އިޖުތިމާޢީ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ރަށްރަށުގެ ބިން ފުރި، ބޯހިޔާވަހިކަމަށް ބިން ދޫނުކުރާތާ އެތަށް އަހަރެއްވެފައިވާ ރަށްތަށް ހިމެނެއެވެ.

ބިން ކުޑަ ރަށްރަށުގައި ބިން ހިއްކައިގެން ބޯހިޔާވަހިކަމުގެ މަޝްރޫޢޫތައް އަންނަނީ ހިންގަމުންނެވެ. އަދި ގޯތި ދެވޭނެ ފުރުސަތު އޮތް ރަށްރަށުން ގޯތ ދޫކުރަމުންވެސް ދެއެވެ. ނަމަވެސް ބިމުގެ ޖާގަ ކުޑަ، އާބާދީ ބޮޑެތި ރަށްތަކަށް ސަރުކާރުން އަމާޒުކުރަނީ ފްލެޓް އަޅައިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުތައް ހިންގުމަށެވެ.

މިވަގުތުވެސް އަތޮޅުތަކުގެ 6 ރަށެއްގައި ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ސަރުކާރުން ހާމަކުރައްވާގޮތުގައި، ރައްޔިތުން ގެދޮރުވެރިކުރުމަށް އަތޮޅުތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގައި، 2000އަށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ މަސައްކަތް އެކި މަރުޙަލާތަކުގައި އަތޮޅުތަކުގައި މިހާރުވެސް ކުރިއަށްދެއެވެ.

ފިނޭންސް މިނިސްޓްރީން އަނެއްކާވެސް މިވަނީ އިތުރު 5 ރަށެއްގައި ހައުސިންގ މަޝްރުޢު ހިންގައިދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފައެވެ. މި މަޝްރުޢުތައް ކުރިއަށްގެންދަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވާ ރަށްތަކުގެތެރެއިން، އެންމެ ބޮޑު މަޝްރޫޢުއެއް އިޢުލާންކޮށްފައިވަނީ ހދ.ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުށީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 400 ހައުސިންގ ޔުނިޓް ޢިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށްވަނީ އިޢުލާންކޮށްފައެވެ. މި މަޝްރުޢޫގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 2100000(ދެމިލިއަން އެއް ލައްކަ ރުފިޔާ) ހުށައަޅަންޖެހޭނެއެވެ.

މި 400 ހައުސިންގ ޔުނިޓަކީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި، ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށީ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ޢިޢުލާންކުރެއްވި 400 ހައުސިންގ ޔުނެޓެވެ. މީގެއިތުރުންވެސް އިތުރު 1000 ހައުސިން ޔުނިޓް ކުޅުދުއްފުށީގައި ތަރައްޤީކުރުމާ ގުޅޭ ވާހަކަތަށް ބޭރުގެ ބަޔަކާއިއެކު ކުރިއަށްދާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ކުޅުދުއްފުށީގައި މީގެ 10 އަހަރު ކުރިން ފަށައި ނުނިމި ހުރި 145 ރޯހައުސްގެ މަސައްކަތްތައް އަލުން ފަށައި އެ މަސައްކަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ނިންމުގެ ޢަމަލީ މަސައްކަތްތައްވެސް ވަނީ ބަޔަކާ ޙަވާލުކޮށްފައެވެ.

ކުޅުދުއްފުއްޓަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށްތަކުގެ ތެރެއިން އެއް ރަށެވެ. ކުޅުދުއްފުއްޓަށް ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކާއެކު އެރަށުގެ އާބާދީ 12000އިން މައްޗަށް އަރައެވެ.

ފިނޭންސް މިނިސްޓްރީން ދެން އިޢުލާންކޮށްފައިވަނީ ގއ.ވިލިނގިލި، ނ.ހޮޅުދޫ، ލ.ގަން އަދި ށ.މިލަންދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށެވެ.

އެއީ ލ.ގަމުގައި 100 ރޯހައުސް، ށ.މިލަންދޫގައި 50 ހައުސިންގ ޔުނިޓް، ގއ.ވިލިނގިލީގައި 50 ހައުސިންގ ޔުނިޓް އަދި ނ.ހޮޅުދޫގައި 30 ހައުސިންގ ޔުނިޓްގެ މަސައްކަތެވެ.

މި 5 މަޝްރޫޢު ހިންގުމަށް ބޭނުންވާ ފަރާތްތަކުގެ ބިޑް ހުށައެޅުން އޮންނާނީ އަންނަ މަރޗް މަހުގެ 3ވަނަ ދުވަހުގެ 11:00ގައެވެ.