ޚަބަރު

ނަފްސާނީ ބައްޔަށް ދެވޭ ފަރުވާ އަތޮޅުތެރޭގައި ފުޅާކުރަނީ


ރާއްޖޭގައި ނަފްސީ ސިއްޙަތުގެ ދާއިރާއަކީ ވަރަށް ބޮޑަށް އަޅާނުލެވި ހަވާސާ ކުރެވިފައިވާ ދާއިރާއެކެވެ. ނަތީޖާއެއްގެ ގޮތުން އިޖުތިމާޢީ އެތައް މައްސަލަތަކެއް މުޖުތަމަޢުގައި ވަނީ ގިނަވެފައެވެ. ނަފްސާނީ ބަލިތައް ގިނަވެ އޭގެ ސަބަބުން އެހެނިހެން ބޮޑެތި ބަލިތަކަށް މަގުފަހިވަމުންދާކަމަށް ސިއްޙީ ދާއިރާގެ މާހިރުން ވިދާޅުވެއެވެ.

ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރެވިފައިވާގޮތުން ދިވެހި މުޖުތަމަޢަކީ ވަރަށް "ސްޓްރެސް"ގައި ދިރިއުޅެން މަޖުބޫރުވެފައިވާ ބައެކެވެ. މީގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމަށް ހުށައެޅެމުންދާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުން ދިޔަނަމަވެސް މިބައްޔަށް ދެވޭނެ އެކަށީގެންވާ ފަރުވާއެއް މިހާތަނަށް ޤާއިމުކުރެވިފައެއް ނެތެވެ. މިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން މިހާރުވަނީ މަސައްކަތް ފަށާފައެވެ.

ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަމުގެ ޙާލަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވީ ކޯވިޑްގެ ތެރޭގައި ނަފްސާނީ މައްސަލަތައް އިތުރުވެފައިވާކަމަށެވެ. މިހާރު ގިނަ ބަޔަކަށް ފަރުވާއާއި ކައުންސިލިން ދޭންޖެހިފައިވާއިރު މިދާއިރާއަށް ކުރިމަތިލާ ފަރާތްތަކުގެ ޢަދަދު މަދުކަން މިނިސްޓަރވަނީ ހިތާމައާއެކު ފާހަގަކުރައްވާފައެވެ.

"މިދާއިރާއަށް ވަންނަ ކުދިން މަދުވަނީ ރަނގަޅު އުޖޫރައެއް ނުލިބޭތީކަމަށްވެދާނެ. ކުދިން އެބަ ކިޔަވާ އެކަން އެބަ އިނގޭ ޔުނިވަރސިޓީން. އެކަމަކު ވަޒީފާއަކަށް ނުނިކުމޭ. މިކަން އިތުރަށް ބަލަން އެބަޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް މިހާރަށްވުރެ ގިނަ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން މިވަގުތު ހަމައެކަނި އައިޖީއެމްއެޗުން ލިބެން ހުރި އިންޕޭޝަންޓް ހެލްތު ކެއަރ ޔުނިޓްގެ ޚިދުމަތް އަތޮޅުތެރޭގައި ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ހދ.އަތޮޅާއި ރ.އަތޮޅާއި، ގދ. އަތޮޅާއި ލ.އަތޮޅުގެ އިތުރުން އައްޑޫ ސިޓީގައި މިވަގުތުވެސް ނަފްސާނީ ބަލިތަކަށް ސައިކައިޓްރިކް ޚިދުމަތް ދެވެމުން އަންނައިރު ރީޖަނަލް މެންޓަލް ހެލްތު ސަރވިސްގެ ނަމުގައި ނަފްސާނީ ބައްޔަށް ފަރުވާދެވޭނެހެން ޚިދުމަތް ފުޅާކުރުމަށް ބަޖެޓު ކުރެވި ޕްލޭންތައް ކުރެވެމުންދާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިކަމަށް ބޭނުންވާ މީހުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އެހީތެރިކަމާއެކު ތަމްރީންކުރަމުންދާ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.