ވިޔަފާރި

އަހަރުގެ ފުރަތަމަ މަހު މީރާގެ އާމްދަނީ 2.36 ބިލިއަން ރުފިޔާގައި


މިއަހަރުގެ ޖަނަވަރީ މަހު މީރާއަށް އާމްދަނީގެ ގޮތުގައި 2.36 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %31.2 އިތުރު އަދަދެކެވެ.

މިއަހަރުގެ ޖަނަވަރީމަހު މީރާއަށް 2 ބިލިއަނަށްވުރެ ގިނަ އަދަދެއް އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު މިއީ މީރާއިން އަންދާޒާކޮށްފައިވާ އަދަދަށްވުރެ %38.6 އިތުރު އަދަދެކެވެ. ޖަނަވަރީ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 73.88 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ޖަނަވަރީމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 1.05 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 864.41 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 95.19 މިލިއަން ރުފިޔާ، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 84.49 މިލިއަން ރުފިޔާ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.55 މިލިއަން އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 188.54 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ ޖަނަވަރީމަހާއި އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީމަހު އެ އިދާރާއަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ.

ޑިސެންބަރު 2020 އާއި އަޅާބަލާއިރު، ޑިސެންބަރު 2021 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 2 ގުނަ ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީވެސް މިއަހަރުގެ ޖަނަވަރީމަހު ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ ޖަނަވަރީ 2021 ގައި ލިބިފައެއް ނުވެއެވެ.