ޕްލާސްޓިކް މަދުކުރުމަށްޓަކައި މަސައްކަތްކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ޕާލޭ މޯލްޑިވްސް އާއިއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް އަބްދުﷲއެވެ. ޕާލޭ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޝާހިނާ ޢަލީއެވެ.
މި އެމް.އޯ.ޔޫއަކީ ރާއްޖޭގެ ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ތެރެއިން ޕްލާސްޓިކް މަދުކުރުމަށްޓަކައި ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ޓަރމިނަލްގައި ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓެއް ޤާއިމުކުރާނެއެވެ. އެގޮތުން ޕްލާސްޓިކް އެއްކުރުމުގެ މަސައްކަތުގައި ޕާލޭ މޯލްޑިވްސް ގެ ވެހިކަލްތަކާއި ބޯޓުތަކަށް ހިލޭ، އެމްޕީއެލްގެ ޓަރމިނަލްތައް ހުރަސްކޮށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާހީމް ޢަބްދުއްﷲ ވިދާޅުވީ ޕާލޭ މޯލްޑިވްސްގެ ފަރާތުން ކުރަމުންދާ ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތުގައި އެމްޕީއެލްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އެގޮތުން ޕާލޭއިން ކުރާ މި މަސައްކަތުގައި ބައިވެރިވުމަކީ ލިބިގެންދާ އުފަލެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ޕާލޭ މޯލްޑިވްސްގެ ޑިރެކްޓަރ ޝާހީނާ ޢަލީ ވިދާޅުވީ މިހާރުވެސް ރާއްޖޭގެ 128 ރަށަކުން ރީސައިކަލް ކުރުމަށް ޕްލާސްޓިކް އެއްކުރަމުންދާކަމަށެވެ. އެހެންނަމަވެސް އެމްޕީއެލްއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައިވެސް ޕްލާސްޓިކް އެއްކުރުމުގެ މަގުފަހިވެގެން ގޮސްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
މި އެމް.އޯ.ޔޫގެ ދަށުން ކުރިއަށްއޮތް އެއް އަހަރު ދުވަހަށް އެމްޕީއެލްއިން ޕާލޭ މޯލްޑިވްސްއާއެކު މަސައްކަތް ކުރަމުންދާނެއެވެ. މި މަސައްކަތުން އެއްކުރެވޭ ޕްލާސްޓިކް ތަކެތި ވަކިކޮށް ރީސައިކަލް ކުރުމަށް ރާއްޖޭން ބޭރަށް ފޮނުވާނެއެވެ.
ރާއްޖޭގެ ތިމާވެއްޓަށް ކުރެވިގެންދާ މިފަދަ މަސައްކަތްތަކުގައި އޯގަނައިޒޭޝަންތަކާ ގުޅިގެން އެމްޕީއެލްއިން އަންނަނީ މިފަދަ މަސައްކަތްތައް ކުރަމުންނެވެ. މިގޮތަށް ކުރެވޭ މަސައްކަތްތަކުން މީހުންގެ ހޭލުންތެރިކަންވެސް އިތުރުވެގެންދާނެއެވެ.