ކުޅިވަރު

އެކުވެރިކަމުގެ 2ވަނަ މެޗް ބަންގްލަދޭޝް ކާމިޔާބުކޮށްފި


ވާދަވެރި ކުޅުމަކަށްފަހު، ބަންގްލަދޭޝް އާއި ދިވެހިރާއްޖެ ވާދަކުރި އެކުވެރިކަމުގެ ދެވަނަ މެޗުން ރާއްޖެ ބަލިވެއްޖެއެވެ. ބަންގްލަދޭޝް އާއި ދިވެހިރާއްޖެ އެކުވެރިކަމުގެ ތިން މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗް މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ ކުޅެފައެވެ. އެމެޗް ކާމިޔާބުކޮށްފައިވަނީ ރާއްޖެއިންނެވެ. ނަމަވެސް ރޭގައި ކުޅުނު ދެވަނަ މެޗުން ރާއްޖެ ބަލިވެފައިވަނީ 3 ސެޓް 1 ސެޓުންނެވެ. މިމެޗްގެ ސެޓްތައް ބަންގްލަދޭޝްއިން ގެންދިޔައީ 25-19، 16-25، 25-15 އަދި 25-21އިންނެވެ.

ރޭގެ މެޗު ޝަރަފްވެރިކޮށްދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފް ވަޑައިގެންނެވިއެވެ. އަދި ރައީސް ސާލިހާއި މިނިސްޓަރު މަހުލޫފްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން ހުންނެވި، ބަންގްލަދޭޝް ވޮލީބޯޅަ ފެޑެރޭޝަންގެ ރައީސް އަދި ޑާކާގެ ނޯތު ސިޓީ ކޯޕަރޭޝަންގެ މޭޔަރު މުހައްމަދު އަތީގުލް އިސްލާމްވެސް މިމެޗް ބަލާލުމަށް ވަޑައިގަތެވެ.

ރޭގެ މެޗްގެ ފުރަތަމަ ސެޓް ގެންދިޔައީ ބަންގްލަދޭޝްއިންނެވެ. އެއީ 25-19އިންނެވެ. ފުރަތަމަ ސެޓް ފެށިގެން ނިމެންދެންވެސް ލީޑްގައި އޮވެގެން ކުޅެފައިވަނީ ބަންގްލަދޭޝްއިންނެވެ. މިމެޗްގައި ރާއްޖޭގެ ޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަމަވެސް ބަންގްލަދޭޝް ފެނުނީ ވަރަށް ވަރުގަދަކޮށެވެ. މިމެޗްގައި ކޯޗް މުހައްމަދު ސާޖިދުވަނީ ޒުވާން ކުޅުންތެރިޔާ މާއިދު މުހައްމަދަށް ކުޅުމުގެ ފުރުސަތު ދީފައެވެ.

މެޗްގެ ފުރަތަމަ ސެޓް ގެއްލުމާއެކު، މެޗްގެ ދެވަނަ ސެޓް ހޯދުމަށް ރާއްޖޭގެ ޓީމުން ވަރަށް މަސައްކަތް ކުރިއެވެ. އަދި ދެވަނަ ސެޓްގައި މޮޅު ކުޅުމެއް ރާއްޖޭގެ ޓީމްގެ ފަރާތުން ފެނިގެންދިޔައެވެ. މެޗްގެ ކުރީކޮޅުގައި ރާއްޖެއިން ލީޑް ކުރިއެވެ. ނަމަވެސް ބަންގްލަދޭޝްއިން ފަހަތުން އާރާ އެއްވަރުކުރިއެވެ. އަދި މިސެޓްގައި އިސްމާޢީލް ސާޖިދު އާއި އާދަމް ނަސީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މިސެޓްގައި ކޯޗް ސާޖިދު ވަނީ ޒުވާން ބްލޮކަރު އަހުމަދު ނާފިއު ކުޅުމުގެ ފުރުސަތު ދީފައެވެ. އަދި ނާފިއުވަނީ ލިބުނު ފުރުސަތުގައި ރަގަނޅު ބްލޮކްތަކެއް ކޮށްފައެވެ. ދެވަނަ ސެޓްގެ މެދަކާއި ހަމައިން ފެށިގެން ނިމެންދެން ރާއްޖެއިން ކުޅެފައިވަނީ ލީޑުގައި އޮވެގެންނެވެ. އެގޮތުން މެޗްގެ ދެވަނަ ސެޓް ރާއްޖެއިން ކާމިޔާބުކުރީ 25-16އިންނެވެ.

މެޗްގެ ދެވަނަ ސެޓް ގެއްލުމާއެކު، ތިންވަނަ ސެޓްގައި ބަންގްލަދޭޝްއިން ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށް، ކާމިޔާބު ގިނަ އެޓޭކްތަކެއް ކުރިއެވެ. މިސެޓް ފެށިގެން ނިމެންދެންވެސް ލީޑްގައި އޮވެގެން ކުޅެފައިވަނީ ބަންގްލަދޭޝްއިންނެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ރާއްޖެއިން ކުޅުން ރަގަނޅުކޮށް، ލީޑް ހަނިކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް ބަންގްލަދޭޝްގެ ބާރު ހަމަލާތަކާއެކު މެޗްގެ ތިންވަނަ ސެޓް ބަންގްލަދޭޝްއިން ގެންދިޔައެވެ. މެޗްގެ ތިންވަނަ ސެޓް ބަންގްލަދޭޝްއިން ގެންދިޔައީ 25-15އިންނެވެ.

މެޗްގެ އެންމެ ފަހު ސެޓް އަދި އެންމެ ފޯރިގަދަވެގެންދިޔަ ސެޓްގެ ކުރީކޮޅުގައި ދެ ޓީމްގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. ސެޓްގެ ކުރީކޮޅުގައި ވަރަށް އެއްވަރުކޮށް ދިޔަ ނަމަވެސް، ސެޓް ކުރިއަށްދިޔަވަރަކަށް ބަންގްލަދޭޝްއިން ލީޑް ފުޅާކުރަމުންދިޔައެވެ. މެޗްގެ ފަހު ސެޓް އަދި ހަތަރުވަނަ ސެޓްގައި ރާއްޖޭގެ ޓީމްގެ ފަރާތުން ގިނަ މިސްޓޭކްތަކެއް ފެނިގެންދިޔައެވެ. ހާއްސަކޮށް، ޝޮޓްތަށް ބުލޮކްވުމާއި، ސާވިސްތައް ބޭރަށް ދިއުން ފާހަގަކޮށްލެވެއެވެ. މެޗްގެ ފަހު ސެޓް ބަންގްލަދޭޝްއިން ގެންދިޔައީ 25-21އިންނެވެ.