އީރާނާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމަށް ދެ ޤައުމުން އެއްބަސްވެފައިވާ ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕިޒިޝްކިއާން ވިދާޅުވެއްޖެއެވެ.
އީރާނުގެ ރައީސް މިކަން ހާމަކުރެއްވީ، އިންޑިއާގެ ނިއުދިއްލީގައި ބޭއްވުނު ބްރިކްސް ސަމިޓުގެ ހަވާސާގައި ޔޫއޭއީގެ ވަލީއަހުދު، ޝައިޚް ޚާލިދު ބިން މުޙައްމަދު ބިން ޒައިދު އަލް ނަހްޔާނާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޕިޒިޝްކިއާން ވިދާޅުވީ، ދެ ޤައުމުން ވެސް އިސްކަންދެނީ މާޒީގެ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް، މުސްތަޤުބަލަށް އަމާޒުހިފައިގެން ގުޅިގެން މަސައްކަތް ކުރުމަށެވެ.
އަދި ކުރިމަގުގައި ދެ ޤައުމުގެ ގުޅުމާއި އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ދެފަރާތަށް ވެސް އެއްބަސްވެވޭ މަންޒިލަކަށް ވާސިލުވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދެ ލީޑަރުން ވަނީ ސަރަޙައްދީ މުހިންމު މައްސަލަތަކާ ގުޅޭގޮތުންނާއި، މެދުއިރުމަތީގެ ނުތަނަވަސްކަން ކުޑަކޮށް، ސުލްހަމަސަލަސްކަމާއި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.
އީރާނާއި ޔޫއޭއީގެ މެދުގައި މިފަދަ މުހިންމު މަޝްވަރާތަކެއް ކުރިއަށް މިދިޔައީ، މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި ޔަހޫދީ ދައުލަތުން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.
މި ހަނގުރާމައިގައި އީރާނުގެ އަސްކަރީ، ހަކަތަ އަދި އިޤްތިޞާދީ މުހިންމު މަރުކަޒުތަކަށް ގެއްލުންތައް ލިބިފައިވާއިރު، އޭގެ ރައްދުގައި އީރާނުން ވެސް އަޅަމުންދާ ފިޔަވަޅުތަކާއެކު މުޅި މެދުއިރުމަތީގެ ޙާލަތު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
މިފަދަ ނާޒުކު ޙާލަތެއްގައި ދެ ގައުމުގެ އިސްވެރިން ބައްދަލުކުރައްވައި، ސަރަޙައްދީ ހަމަޖެހުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގަތުމަކީ، މުޅި ސަރަޙައްދުގެ ހަމަޖެހުމަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.