ޚަބަރު

އެއްވެސް ދިރޭއެއްޗަކަށް ގެއްލުމެއް ވާކަށް ނޭދެން - އީޕީއޭ


އެއްވެސް ދިރޭ އެއްޗަކަށް ގެއްލުމެއްވާން ނޭދޭކަމަށް އެންވަޔަރުމަންޓް ޕްރޮޓަކްޝަން އެޖެންސީ އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވެއެޖެވެ.

ނައީމް މިހެން ވިދާޅުވީ ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ދޫނިތަކެއް މަރާލުމާގުޅިގެން، އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓެއްގައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިބްރާހީމް ނައީމް ވިދާޅުވީ ނެތި ފަނާވެ ދިއުމުގެ ބިރުއޮތް ބާވަތެއް ނަތާލުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް ފިޝަރީޒް މިނިސްޓްރީން އެކަން ކުރީ އެ މިނިސްޓްރީއަށް ލިބިދޭ ޤާނޫނީ ބާރަކުންކަމަށާ، އެކަން އެގޮތައް ކުރިންކަން އެއްވެސްގޮތަކަށް އީޕީއޭއަށް އަންގާފައި ނުވާކަމަށް އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް ދޫނިތަކެއް އެތެރެކުރުމުން އެދޫނިތައް މަރާލަން ޖެހޭނެކަމަށް ޤަބޫލުނުކުރައްވާކަމަށްވެސް ނައީމް ވިދާޅުވިއެވެ.

"މިކަން ކުރިކަން އެއްވެސް ވަރަކަށް ނޭނގޭ މިކަން ކުރީ މިނިސްޓްރީއަށް ލިބިދޭ ބާރެއްގެ ދަށުން ޤާނޫނީ ލަފާވެސް ހޯދުމަށްފަހު. އެކަމު ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރަން ހަދާފައިއޮތް އޮފީހަށް އެކަން އެނގެން ޖޭހެނެ. އެއީ ދުނިޔެއިން ނެތި ފަނާވެ ގޮސްދާނެ ކަމުގެ ބިރު އޮތް ބާވަތަކަށްވީމަ." އިބްރާހީމް ނައީމް ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި 120 ދޫޏެއް އެޓަނީ ޖެނެރަލް އޮފީހުގެ ލަފަޔާއެކު ވަނީ މަރާލާފައެވެ. ދޫނިތައް މަރާލާފައިވާ ފޮޓޯތައް ސޯސަލް މީޑިއާގައި ދައުރުވާން ފެށުމާއެކު ތިމާވެއްޓަށް ލޯބި ކުރާ ފަރާތްތަކާއި ދޫނި ސޫތްޕާ ސޫފި ގެންގުޅޭ ފަރާތްތަކާ އާންމު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އޭޖީ އޮފީހުންވަނީ މި ދޫނިތައް އަނބުރާ ފޮނުވާލުމަށް އެދިފައެވެ. އެހެންނަމަވެސް އެތަކެތި ރާއްޖެއަށް އެތެރެކުރި ފަރާތުން އެކަމަށް އެއްބާރުލުން ދީފައި ނުވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.