ކުޅިވަރު

ދީމާއަށް އޮލިމްޕިކްސް ސްކޮލާޝިޕެއް


2024ވަނަ އަހަރު ޕެރިހުގައި ބާއްވާ އޮލިމްޕިކްސްއަށް ކޮލިފައިވުމަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ އޮލިމްޕިކް ސްކޮލާޝިޕްގެ ފުރުސަތު ދިވެހިރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ ޢަލީއަށް ލިބިއްޖެއެވެ.

މީގެ ކުރިންވެސް ރާއްޖެއިން ވަނީ އޮލިމްޕިކްސް ސްކޮލާޝިޕްގެ ދަށުން ކުޅުންތެރިން އޮލިމްޕިކްސްއަށް ކޮލިފައިކޮށްދިނުމަށް އެކިގައުމުތަކަށް ފޮނުވާފައެވެ. މިއީ ދުނިޔޭގެ އެކިކަންކޮޅުތަކުން ހޮވާ އެތުލީޓުންގެ ތެރެއިން އޮލިމްޕިކްސްއަށް ކޮލިފައިވާނެކަމަށް ބެލެވޭ އެތުލީޓުންނަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)އިން ދޭ ފުރުސަތެކެވެ.

ރާއްޖޭގެ އެއްވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ދީމާ ޢަލީއަށް މިފުރުސަތު ލިބުނީ ފާއިތުވި އަހަރުތަކުގައި ދީމާ ޓޭބަލް ޓެނިހުން ހޯދާފައިވާ ކާމިޔާބީއަށް ބަލާފައެވެ. މިފުރުސަތާއެކު 2024ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އައިއޯސީން ގަބޫލްކުރާ ތަމްރީން ސެންޓަރުތަކުގެ ތެރެއިން ދީމާ ތަމްރީން ހަދަން ބޭނުންވާ ސެންޓަރެއްގައި ތަމްރީންތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު އައިއޯސީން ފަހިކޮށްދޭނެއެވެ.

މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް ޢަލީ ރަޝީދު ވިދާޅުވީ މިއީ ރާއްޖެގެ ކުޅިވަރަށް ޚާއްސަކޮށް ޓީޓީއަށް ލިބިގެންދިޔަ ވަރަށް ރަގަނޅު ފުރުސަތެއްކަމަށެވެ. އަދި އޮލިމްޕިކްސް ފަދަ ބޮޑު މުބާރާތަކަށް ކޮލިފައިވުމަށް މިލިބުނު ފުރުސަތުގެ އެހީގައި މިހާރުވެސް ޓީޓީ އެސޯސިއޭޝަނުން ދިމާގެ މައިންބަފައިންނާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ޢަލީ ރަޝީދު ވިދާޅުވިއެވެ. މިފުރުސަތަކާއެކު އައިއޯސީން ގަބޫލް ކުރާ އެކަޑަމީއެއް ބަލަމުންދާކަމަށާ، އެގޮތުން ސްވިޑެންގައި ހުންނަ ޓީޓީ އެކަޑަމީއަކާ މިހާރު ވާހަކަދައްކަމުންދާކަމަށް ޢަލީ ރަޝީދު ވިދާޅުވިއެވެ. ދީމާއާއި ދީމާގެ މައިންބަފައިންގެ އެދުމުގެ މަތީން ސްވިޑެންއަށް ބަދަލުވާއިރު، އެގައުމުގައި ދިމާއަށް ކިޔެވުމުގެ ކަންކަން ވެސް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް ޢަލީ ރަޝީދު ވިދާޅުވިއެވެ. އަދި ދިމާ ފޮނުވާނީ އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުން ގަބޫލް ކުރާ އެކަޑަމީއަކަށެވެ.

ދިމާއަކީ ރާއްޖެއަށް އެންމެ ޒުވާން އުމުރުގައި އިންޑިވިޖުއަލް ކުޅިވަރުތަކުން އެންމެ ގިނަ ކާމިޔާބީ ރާއްޖެއަށް ހޯދާދީފައިވާ އެތުލީޓްއެވެ. އިންޑިވިޖުއަލް ކުޅިވަރުތަކުގެ ކުޅުންތެރިންނަށް ބަލާއިރުވެސް ދީމާ ޢަލީ މިވަގުތު ބައިނަލްއަގުވާމީ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެތުލީޓެވެ. ދީމާ މިހާރު ތަމްރީން ކުރަމުންދަނީ ތައިލެންޑްގައެވެ. މިއަންނަ މަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް އެ މުބާރާތުގެ 10 ދުވަސް ކުރިން ދީމާ މާލެ އަންނާނެއެވެ.

ގައުމީ ފެންވަރުގައި ކުޅެން ފެށިތާ 3 އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެއަށް 2019ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން 3 ރަން މެޑަލް ގެނެސްދީފައެވެ. މީގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފައެވެ.

ދީމާގެ އިތުރުން ފްރާންސްގެ ޕެރިހުގައި 2024 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސް އަށް ކޮލިފައިވުމަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ އޮލިމްޕިކް ސްކޮލާޝިޕްގެ ފުރުސަތު ބެޑްމިންޓަނުން ނިބާލް އަހުމަދާއި އެތުލެޓިކްސްގެ އައިޝަތު ހިމްނާ ހަސަން، ސާފިން އިން އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ޝޫޓިން އިން ޒިޔާން ޞިޔާއު އަށް ވެސް ވަނީ ލިބިފައެވެ.

އޮލިމްޕިކް ސްކޮލަޝިޕް ލިބުނު ހުރިހާ އެތުލީޓުންނަށްވެސް 2024 ގެ އޮގަސްޓް މަހުގެ ނިޔަލަށް އައިއޯސީ އެޕްރޫވްޑް ތަމްރީން ސެންޓަރުތަކުގެ ތެރެއިން އެތުލީޓަކު ބޭނުން ސެންޓަރެއްގައި ތަމްރީން ވުމުގެ ފުރުސަތު ލިބޭނެއެވެ. މި ތަމްރީންތަކުގެ އެންމެހާ ޚަރަދަކާއި، ޓެކްނިކަލް އެހީތެރިކަން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ފޯރުކޮށްދޭނެއެވެ.