ޚަބަރު

އެމެޒޯންގެ މުވައްޒަފުންގެ މުސާރަ 2 ގުނަ ބޮޑުކުރަނީ


އެމެޒޯން ކުންފުނީގެ ވަޒީފާތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުވައްޒަފުންނަށް ދޭ މުސާރަ އާއި ޢިނާޔަތް ބޮޑުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އޮންލައިން ވިޔަފާރީގައި ދުނިޔޭގެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެޒޯންއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މިދިޔަ އަހަރު ފާހަގަކުރެވުނީ ވަޒީފާގެ ބާޒާރުގައި ވާދަވެރިކަން ބޮޑު އަހަރެއްގެ ގޮތުގައިކަމަށެވެ. އެހެންކަމުން މޮޅު ހުނަރުވެރިން ކުންފުނީގައި ބޭތިއްބުމަށާއި ވަޒީފާގެ ބާޒާރުގައި އެ ކުންފުނީގެ މަޤުބޫލުކަން ދެމެހެއްޓުމަށްޓަކައި، ވާދަވެރި މާޙައުލެއް ޤާއިމުކުރަން ޖެހިފައިވާކަމަށް އެމެޒޯންގެ އިޢުލާނުގައި ބުނެފައިވެއެވެ.

އެމެޒޯން ކުންފުނީގެ ވާދަވެރިކަން އިތުރުކުރުމަށްޓަކައި މުވައްޒަފުންގެ އަސާސީ މުސާރަ ދެގުނަ ބޮޑު ކުރުމަށް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން އެމެރިކާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަސާސީ މުސާރަ އަހަރަކަށް ކަނޑައަޅާފައިވާ މިންވަރު 160،000 ޑޮލަރުން، 350،000 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. އަދި ޕްރޮމޯޝަން ލިބޭ މުވައްޒަފުންނަށް، ކަނޑައެޅިފައިވާ މަރުޙަލާގެ ތެރެއިން ކޮންމެ އަހަރަކު ދެވޭ "ސްޓޮކް އެވޯޑް" ކަނޑައަޅައި، އެ މުވައްޒަފުނަށް ލިބޭ ޢިނާޔަތް އިތުރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

އެމެޒޯންއިން މިދިޔަ އަހަރު ވަނީ އެ ކުންފުނީގެ މަސައްކަތްތެރިންނަށް ދޭ އެންމެ ކުޑަ އުޖޫރައަށް ބަދަލުގެނެސް، ގަޑިއަކު 15 ޑޮލަރުގެ ރޭޓުން ދެމުންއައި އެންމެ ކުޑަ އުޖޫރައިގެ ބަދަލުގައި ގަޑިއަކު 18 ޑޮލަރު ދޭން ފަށާފައެވެ. އަދި މިހާރު މުސާރައަށް ގެނައި ބަދަލުތަކާއެކު، އެކި ޤައުމުތަކުގައި މަސައްކަތްކުރަމުންދާ އެ ކުންފުނީގެ މުވައްޒަފުންނަށް ލިބޭ ޢިނާޔަތްތައް ކުރިއަށްވުރެ އިތުރުވެގެން ދާނެކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން 2021 ވަނަ އަހަރު ނިމުނުއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެޒޯންގެ 1.6 މިލިއަން މުވައްޒަފުން އެބަތިއްބެވެ.