ޚަބަރު

ތާރު އަޅައިގެން ހަނިމާދޫ މަގުތައް ހެދުން ؛ 8 އަހަރަށްފަހު ނިމުމަކަށް


ހަނިމާދުގެ މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާނެކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

2013 ވަނަ އަހަރު ފެށި މި މަޝްރޫޢުގެ މަސައްކަތް 2019 ވަނަ އަހަރު މިމަސައްކަތް އެމްޓީސީސީއާ ހަވާލުވުމުގެ ކުރިން، މި މަސައްކަތް އެކި ކުންފުނިތަކާއި ހަވާލުކޮށްފައިވެއެވެ.

ހދ.ހަނިމާދޫއަކީ އުތުރުގެ ރަށްތަކުގެ ތެރެއިން، ކޮންމެ ދުވަހަކުވެސް އެންމެ ގިނަބަޔަކު އަރާ ފައިބާ އެއްރަށެވެ. އެއަރޕޯޓް އޮތުމާއި، އެކިއެކި ޚިދުމަތްތަކުގައި ކޮންމެ ދުވަހަކުވެސް ރަށަށް ގިނަ ބަޔަކު އަރައެވެ.

ރަށުގެ ރައްޔިތުންގެ އޮތް އެންމެ ބޮޑު އެއް ޝަކުވާއަކީ ރަށުގެ މަގުތަކެވެ. މަގުތައް އަޑިގުޑަންވުމާއި، ހިރަފުސްވުމާއި އަދި ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވާ މައްސަލަ ރަށަށް ވަރަށް ބޮޑެވެ. ހަނިމާދޫ މަގުތަކުގެ މައްސަލަ ޙައްލުކޮށް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފުރަތަމަ ފެށީ މީގެ 8 އަހަރު ކުރިން 2013 ވަނަ އަހަރުއެވެ. އޭގެފަހުން މި މަސައްކަތް 3 ކުންފުންޏަކާ ހަވާލުކޮށްގެންވެސް މި މަސައްކަތް އޮތީ ކުރިއަށް ނުގޮސް ހުއްޓިފައެވެ.

ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށް މިކަން ވެފައިވަނިކޮށް، އެމްޓީސީސީއާ މަސައްކަތް ހަވާލުކޮށް އަލުން މަސައްކަތް ފެށީ 2019 ވަނަ އަަހަރުގެ ޖޫންމަހުއެވެ. އެމްޓީސީސިން މިމަސައްކަތާއި ހަވާލުވިއިރު ނިމިފައިވަނީ މަސައްކަތުގެ ވަރަށް ކުޑަ މިންވަރެކެވެ.

ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އަހަރުގެ ޖޫންމަހުއެވެ. އަދި މިހާރު މިވަނީ މަގުތަކުގެ ތާރުގެ މަސައްކަތްތައް ނިންމާފައެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި މަސައްކަތް ކުރިއަށްގެންދިޔައީ 2 ފިޔަވައްސަކަށްކަމަށެވެ. އެގޮތުން ތާރުގެ މަސައްކަތުގެ އިތުރުން މަގުތައް ރީތިކުރުމަށް ލޭންޑް ސްކޭޕިންގެ މަސައްކަތްތައްވެސް ކުރިއަށްގެންދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޓީސީސީން މަސައްކަތްކުރަނީ ކޮންމެ މަސައްކަތެއް އެންމެ ފުރިހަމައަށް ގެންދަން. ތާރުގެ މަސައްކަތް ނިމިފައި މިވަނީ. މަޝްރޫޢު ފެބްރުއަރީގެ ނިޔަލަށް އެއްކޮަށް ނިންމާނަން. ގަސް އިންދާ މަގުތައް ރީތިކުރުން ދެން އޮތީ ކުރިއަށް." އާޒިމް ވިދާޅުވިއެވެ.

ހޯރަފުށީ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތުގައި، ތަރައްޤީކުރަނީ މުހިންމު އިދާރާތައް ހުރި މަގުތަކާއި އެންމެ އާއްމުކޮށް ރަށުގެ ރައްޔިތުން ބޭނުންކުރާ މަގުތަކެވެ.

"ކުރީގައި ވެހިކަލްތަކަށްވެސް ވަރަށް ބޮޑަށް ގެއްލުންވޭ. ތާރު އަޅާ މިހާރު މަގުތަކުގެ ހިތްހަމަޖެހިން ރަށުގެ ރައްޔިތުންނަށް ދަނީ ލިބެމުން. ތުއްތުކުދިންވެސް ބައިކްލު ދުއްވާލާ، ވަރަށް ހިތްހަމަޖެހިފަ ރައްޔިތުން ތިބީ" ހަނިމާދޫ ކައުންސިލުން ފާހަގަކުރެއެވެ.

މި މަޝްރޫޢުގައި ހަނިމާދޫގެ 20 މަގެއް ވަނީ ތަރައްޤީކޮށްފައެވެ. މި މަޝްރޫޢުގައި ވެހިކަލްތައް ދުއްވުމަށް ޚާއްސަކޮށްގެން 44000 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅާ، ހިނގާ މީހުންނަށް 16518 އަކަ މީޓަރުގެ ޕޭވްމަންޓް ވަނީ ހަދާފައެވެ. އަދި މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ޤާއިމުކޮށް، ފެނާއި ނަރުދަމާއާއި، މުވާސަލާތީ ޚިދުމަތްތަކަށް ބޭނުންވާ ކޭބަލް ޖަންކްޝަންތައް ވަނީ ހަދާފައެވެ. އަދި މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި، ހަރުކުރުންވެސް ހިމެނެއެވެ. މި މަޝްރޫޢުަކީ 71 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.