ޚަބަރު

ފަޤީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް މިދިޔަ ޑިސެމްބަރު މަހުގެ 30ގެ ނިޔަލަށް ހުށައަޅާފައިވާ ފޯމްތަކުގެ ޖަވާބު ދީފައިވާކަމަށެވެ. އެހެންކަމުން ދަފްތަރުގައި ހިމެނިފައިނުވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަން އެދޭނަމަ މިނިސްޓްރީއަށް ގޮސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެެޅުމަށް ވަނީ ހުޅުވާލާފައެވެ. އަދި ޝަކުވާ ހުށައެޅުމުގެ އެންމެ ފަހު ދުވަހަކީ މިމަހުގެ 13ވަނަ ދުވަސް ކަމަށާ، އެއަށްފަހު ހުށަހަޅާ ޝަކުވާއެއް ބަލައި ނުގަންނާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން އަންނަނީ ކޮންމެ އަހަރެއްގެވެސް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާ އެއަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތުވެސް ހުޅުވާލަމުނެވެ. މި ލިސްޓަކީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އޭގެ ޙައްޤުވެރިންނަށް ފަސޭހައިން ފޯރުކޮށްދިނުމާ އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާ ލިސްޓެކެވެ.

1442ވަނަ އހަރުގެ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ޖުމުލަ 1520 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފައެވެ.