ދުނިޔޭގެ ވިޔަފާރި

ދެކުނު ކޮރެއާއާއި އިނގިރޭސިވިލާތުން ސަޕްލައި ޗެއިން ވަރުގަދަކުރުމުގެ އެއްބަސްވުމަކަށް


ޕެންޑަމިކްގެ ސަބަބުން އެކި ސިނާޢަތްތަކުގެ އުފެއްދުންތަކަށް ބޭނުންވާ އަސާސީ ބައިތައް ހޯދުމުގައި ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ދެކުނު ކޮރެއާއާއި އިނގިރޭސިވިލާތުން، ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް ނިންމައިފިއެވެ.

ހޯމަދުވަހު ލަންޑަނުގައި ދެޤައުމުގެ ވިޔަފާރިއާބެހޭ ވަޒީރުން ސޮއި ކުރެއްވުމަށް ނިންމާފައިވާ މި އެއްބަސްވުގެ ދަށުން، އަސާސީ ބައެއް ތަކެތި ހޯދުމުގައި ދުނިޔޭގެ ސަޕްލައި ޗެއިންއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް، ދެ ޤައުމުގެ ދެމެދުގައި ފުޅާވެގެންދާނެކަމަށް އިނގިރޭސިވިލާތުގެ ވިޔަފާރިއާބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.

އެގޮތުން ދެ ޤައުމުގެ ދެމެދުގައި މުހިއްމުކޮށް ބޭނުންވާ މުދާ، ބުރުއެރުމެއްނެތި ދައުރުވަމުންދިއުމަށް މަގުފަހިވެ، ޚާއްޞަކޮށް އިނގިރޭސިވިލާތުގެ އޮޓޯ ސިނާޢަތަށް ބޭނުންވާ ސެމީކޮންޑަކްޓަރ ޗިޕް ހޯދުމަށް އެހީއަކަށް ވެގެންދާނެ ކަމަށް އިނގިރޭސިވިލާތުން ހާމަކުރެއެވެ.

ދެކުނު ކޮރެއާ އާއި އިނގިރޭސިވިލާތާ ދެމެދު ސޮއިކުރުމަށް ނިންމާފައިވާ މި އެއްބަސްވުމަށްފަހު، ވިޔަފާރީގެ އިތުރު އެއްބަސްވުންތަކެއް ޤާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފެށީގެންދާނެކަމަށް ދެ ޤައުމުން ހާމަކުރެއެވެ. އެގޮތުން ޓްރާންްސް ޕެސިފިކް އެއްބަސްވުރެއް ޤާއިމުކުރުމުގެ މަޝްވަރާތައް ކުރުމަށް ނިންމާފައިވެއެވެ. މި އެއްބަސްވުންތަކުގެ ދަށުން ޔޫރަޕުގެ އިއްތިޙާދުގެ ބައިވެރިއެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތްއިރު އެ ޤައުމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ ފުރުޞަތުތައް ލިބިދޭނެކަމަށް އިނގިރޭސިވިލާތުން ހާމަކުރެއެވެ.

ދުނިޔޭގެ ބާޒާރުގައި ސެމީކޮންޑަކްޓަރ ޗިޕް އަދި އެހެނިހެން މުހިއްމު ބައެއް ތަކެތި ލިބުން ދަތިވެފައިވުމުގެ ސަބަބުން އުފެއްދުންތަކުގެ އަގު އުފުލުމުގެ މައްސަލަ އިނގިރޭސިވިލާތުންވެސް ދަނީ ތަޙައްމަލުކުރަމުންނެވެ. އެ ޤައުމުގައި ފާއިތުވި 30 އަހަރުތެރޭ މައްޗަށް ނުދާވަރަށް އިންފްލޭޝަން މައްޗަށް ޖެހިފައިވާކަމަށް ނޫސްތަކުން ހާމަކުރެއެވެ. އެހެންކަމުން މި ޙާލަތުން އަރައިގަތުމަށް އިނގިރޭސިވިލާތުގެ އުފެއްދުންތައް ވިއްކުން ފުޅާކުރުމަށް ބަލާއިރު، ދެކުނު ކޮރެއާގެ މުއްސަނދި އިޤްތިޞާދަކީ ރަނގަޅު މާކެޓެއްކަމަށް އިނގިރޭސިވިލާތުން ދެކެއެވެ.

ފާއިތުވި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް މި ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރީގެ އަގު 18 ބިލިއަން ޑޮލަރަށް އަރާކަމަށް އިނގިރޭސިވިލާތުން ހާމަކުރެއެވެ.