ޚަބަރު

ކޯވިޑް ޖެހިގެން ރާއްޖޭގައި 21 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ


ކޯވިޑް ޖެހިގެން ރާއްޖޭގައި ޢުމުރުން 21 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

21 އަހަރުގެ މި ފިރިހެން މީހާ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރު ފަހު 3:40 ހާއިރުކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން މަޢުލޫމާތުދެއެވެ.

މިއީ ކޯވިޑް ޖެހިގެން ރާއްޖޭގައި ނިޔާވި 283ވަނަ މީހާއެވެ. ނަމަވެސް ކޯވިޑް ބަލީގައިރާއްޖެއިން ނިޔާވި ޒުވާނުން ވަރަށް މަދެވެ.

މިއަދުވަނީ ޢުމުރުން ދުވަސްވީ އިތުރު މީހަކުވެސް މިބަލީގައި ނިޔާވެފައެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވީ މިއަދު މެންދުރު 1:42 ހާއިރުއެވެ.

މިއަހަރުގެ މިހާތަނަށް ކޯވިޑް ބަލީގައި 19 މީހުން ރާއްޖެއިން ވަނީ ނިޔާވެފައެވެ. އެއީ ޖެނުއަރީމަހު ނިޔާވި 13 މީހުންނާއި، އަދި ފެބްރުއަރީގެ މިހާތަނަށް ނިޔާވި 6 މީހުންނެވެ.

ޖެނުއަރީމަހުގެ މެދުތެރެއިން ފެށިގެން ރާއްޖޭގައި ކޯވިޑްޖެހޭ މީހުންގެ އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން ދުވާލަކު ފެންނަ ކޭސްތަކުގެ އަދަދު އެވަރެޖްކޮށް އުޅުނީ 2000އިން މަތީގައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދުވެސް ދިޔައީ އިތުރުވަމުންނެވެ. މިވަގުތުވެސް 50އަށްވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ.

ބައްޔަށް ފަރުވާ ހޯދާ މީހުންގެ ޖުމްލަ އަދަދުހުރި 17600އިން މަތީގައެވެ.