ވިޔަފާރި

ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާއިމުކުރަން 59 މިލިއަން ރުފިޔާގެ ލޯނު މިއަހަރު ދޫކުރާނެ: ރައީސް


ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާއިމުކުރުމަށް މިއަހަރުގެ ތެރޭގައި 59 މިލިއަން ރުފިޔާގެ ލުއި ލޯނު ސަރުކާރުން ދޫކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.

"ކަނޑުފަޅުގެ ނަފާ"ގެ ނަމުގައި ދޫކުރާ މި މިލޯނަކީ ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދޫކުރާ ލޯނެކެވެ. މި މަޝްރޫޢުގެ ދަށުން ދޫކުރާ ލޯނުގެއަގު ކަނޑައަޅާފައިވަނީ ލޮނު ފެނުން މަސްފިނިކުރާ ނިޒާމުގެ 10 ޓަނާއި 15 ޓަނުގެ ޕްލާންޓަށް އަމާޒުކޮށް، އޭގެ އަގާއި ސިސްޓަމް ހިންގަން ބޭނުންވާ ޖަނަރޭޓަރުގެ އަގާއި ދޯނީގައި މި ސިސްޓަމް ހަރުކުރުމުގެ އަގު ހިމަނައިގެންނެވެ.

ފާއިތުވެ ދިޔަ 15 އަހަރުގެ ތެރޭގާ އެންމެ ގިނަ މަސް މިފްކޯ އަށް ކިރުވީ ނިމިދިޔަ އަހަރުކަމަށް ރައީސް ވިދާޅުވިއެވެ. މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމު ހަރުކުރުމަށް މިއަހަރުގެ 59 މިލިއަން ރުފިޔާގެ ލޯނު ދޫކުރާނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

"މަސްވެރިންނަށް މަހުން ލިބޭ ޢާމްދަނީގާ ހޫނު ކަމެއް ހުންނަނީ ކިރާ މަހުގާ ފިނިކަމެއް ހުރެގެން. އެގޮތުން 118 ދޯންޏެއްގާ މަސް ފިނިކުރާ ނިޒާމް ހަރުކުރުމަށް މިއަހަރުތެރޭ 59 މިލިއަން ރުފިޔާގެ ލުއި ލޯން ދޫކުރަން ފަށާނެ." ރައީސް ވިދާޅުވިއެވެ.

6%ގެ އިންޓްރެސްޓް ރޭޓަކާއި ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން ދޫކުރާ މިލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. ރިޔާސީ ބަޔާނުގައި ރައީސް ވަނީ އަންނަ މާޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސްގަންނަ އަގުވެސް ބޮޑުވާނެކަމަށް ވިދާޅުވެފައެވެ.