ޚަބަރު

ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު 82000އިން މައްޗަށް


އިތުރު 3724އަށްވުރެ ގިނަ މީހުން ވެކްސިންގެ 3ވަނަ ޑޯޒް ފުރިހަމަކޮށްފިއެވެ. ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 82،091 އިން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބުދަ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް 3،724 މީހަކު ޖަހާފައިވެއެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 1،464 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 2،260 މީހަކު ހިމެނެއެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 82،091 އަށް އަރާފައެވެ.

މީގެއިތުރުން 63 މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒްވެސް ޖަހާފައެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ފުރިހަމަކުރި 48 މީހުންނާއި، އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 15 މީހަކު ހިމެނެއެވެ. އަލަށް ވެކްސިން ފުރިހަމަކުރި މީހުންނާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 370،052 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް 57މީހަކު ވަނީ ޖަހާފައެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 32 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 25 މީހުން ހިމެނެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 397،740 އަށް އަރާފައެވެ.

ކޯވިޑް-19 ވެކްސިން ފުރިހަމަވެފައިވާ ކަމަށް ބަލާނީ، ކޯވިޑްގެ ދެ ވެކްސިނާއެކު ބޫސްޓާ ޑޯޒް ވެސް ފުރިހަމަކޮށްފައިވުމުންކަމަށް ހެލްތު އެޗްޕީއޭއިންވަނީ އަންގާފައެވެ.އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުތަކަށް ގެނެވުނު ބަދަލާއިއެކު، ވެކްސިން ފުރިހަމަ ކޮށްފައިވާކަމަށް ބަލާނީ ވެކްސިންގެ 3 ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނެވެ. އަދި ދެ ޑޯޒް ޖެހުމަށްފަހު 8 މަސް ދުވަސް ނުވާ މީހުންނެވެ.