ޚަބަރު

ކޯވިޑް ޖެހިގެން އިތުރު 2 މީހަކު ނިޔާވެއްޖެ


ކޯވިޑަށް ރާއްޖޭގައި ފަރުވާ ހޯދަމުންދިޔަ 2 މީހަކު ނިޔާވެއްޖެއެވެ.

މި ބަލީގައި ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނަކާއި 72 އަހަރުގެ ދިވެހި އަންހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ، ނިޔާވި 83 އަހަރުގެ ފިރިހެން މީހާއަކީ ޅ. ނައިފަރު އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ މީހެއްކަމަށެވެ. އަދި އޭނާ ނިޔާވީ އިއްޔެ މެންދުރު 1.37 ހާއިރުގައިކަމަށެވެ. އެޗްޕީއޭއިން ވިދާޅުވެއެވެ.

މީގެ އިތުރުން މިބަލީގައި ނިޔާވި އުމުރުން 72 އަހަރުގެ އަންހެން މީހާ ނިޔާވެފައިވަނީ މިއަދު މެންދުރު 2:05 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 280 އަށް އަރާފައެވެ. އަދި މިއީ މިބަލީގައި މިމަހު ނިޔާވި 4 ވަނަ މީހާވެސްމެއެވެ. ރާއްޖޭގައި މިވަގުތު 17721 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 62 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ.