ޚަބަރު

ރިޔާސީ ބަޔާނަށް ސިޔާސީ ލީޑަރުންގެ ތަޢުރީފާއި ސާބަސް


ރައީސުލްޖުމްހޫރިއްޔާ މިއަދު މަޖިލީހަށް އިއްވި ރިޔާސީ ބަޔާނަކީ، އުއްމީދުން ފުރިގެންވާ ރިޔާސީ ބަޔާނެއްކަމަށް ރާއްޖޭގެ ސިޔާސީ ލީޑަރުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަހަރު ދެއްވާ ރިޔާސީ ބަޔާނުގައި މިއަހަރަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަރައްޤީގެ ތަސައްވުރު ވަނީ ހާމަކޮށްދެއްވާފައެވެ.

މިއަހަރަށް މަޖިލިސް ހުޅުވުމުގެ ގޮތުން ބޭއްވި މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވި ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް ބޮޑެތި އުންމީދުތަކެއް ގެނުވި ބަޔާނެއްކަމަށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވަނީ ވިދާޅުވެފައެވެ.

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ، ރިޔާސީ ބަޔާނުން ކަށަވަރުވިކަމަކީ ރައީސުލްޖުމްހޫރިއްޔާ އަކީ ކިތަންމެ ދަތި ޙާލަތެއްގައިވެސް ޤައުމާއެކު ކުރިއަށްދެވޭނެ ޤާބިލުކަންހުރި ލީޑަރެއްކަމުގައެވެ. އަދި ރައީސް ހުށަހެޅުއްވި ކަންކަމުން ޤައުމުގެ ކުރިއެރުން އާރާސްތުކޮށް، ޤައުމު ބިނާކުރުމަށް އުންމީދު ތަސައްވަރެއް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުން ހާމަވެގެން ގޮސްފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

ރިޔާސީ ބަޔާނަށް ތައުރީފް ކުރައްވައި ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ޒައީމް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވީ މިބަޔާނަކީ ޤައުމުގެ ކުރިއެރުމާއި، ތަރައްޤީއަށް އުންމީދުތަކެއް ގެނުވި ފުރިހަމަ ބަޔާނެއްކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ތަސައްލީއެއް ގެނެސްދޭނެ އުންމީދީ ވާހަކަތަކެއް އެކުލެވޭ ބަޔާނެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ އެކި ދާއިރާތަކުން ގެންނަވާނެ ބަދަލުތަކާއި، ރާއްޖޭގެ އިޤްތިޞާދާއި ކުރިއެރުމަށް ގެންނަވާނެ ބަދަލުތަކުގެ ވާހަކަ ތަފްސީލީ ގޮތެއްގައި ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ.

ރައީސުލްޖުމްޙޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ސިޔާދަތާ އިސްތިގްލާލީ ބުރުލެއް އަދި ގުޑުމެއް އައުމުގެ ކުޑަވެސް ފުރުސަތެއް ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ގައުމިއްޔަތު ބިނާވެރިވި ދެމިއޮންނަންޖެހޭ ބަހާތަކުގެ މައްޗަށް ތާއަބަދު އޮންނާނެކަމަށާއި ސަރުކާރުން އެކަމަށް އަބަދުވެސް ފާރަވެރިވާނެކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ އަމާން ސުލްހަވެރި ދިރިއުޅުމުގެ މައްޗަށް ނާމާންކަމާއި ހަތުރުވެރިކަމާއި އަދާވާތްތެރިކަމަށް ވެރިވެގަތުމުގެ ކުޑަވެސް ފުރުސަތެއް އެއްވެސް ބަޔަކަށް ނުދެއްވާނެކަމަށެވެ.