ޚަބަރު

އޮމިކްރޯނުގެ ސަބަބުން ޖަޕާނުގެ ޢާއްމު ޚިދުމަތުގެ ދާއިރާއަށް ހީނަރުކަން


ޖަޕާނުގެ ޢާއްމުގެ ޚިދުމަތުގެ ދާއިރާ މަޑުޖެހެމުން އަންނަކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

ފާއިތުވި ހަފްތާތަކުގެ ތެރޭގައި ކޯވިޑް-19ގެ އޮމިކްރޯން ވޭރިއެންޓް ފެތުރި، ޖަޕާނުގައި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުދާންޖެހޭ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން، ވައިރަސް ފެތުރުން ކޮންޓޯލްކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް އެ ޤައުމުގެ ސަރުކާރަށް މަޖުބޫރުވިއެވެ. މިއާއެކު ވިޔަފާރިތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ، ޖަޕާނުގެ ޢާއްމު ޚިދުމަތުގެ ދާއިރާއަށް ވަނީ ލޮޅުން އަރާފައެވެ.

ޖަޕާނުގެ އިންޓަރނެޓް ބޭންކް ސިސްޓަމް "ޖިބުން ބޭންކް"ގެ މިދިޔަމަހުގެ ޕާރޗޭސިންގް މެނޭޖާސް އިންޑެކްސް ވަނީ 47.6 އަށް ވެއްޓިފައެވެ. އަދި 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހު ޕާރޗޭސިންގް މެނޭޖާރސް އިންޑެކްސް ހުރީ 52.1 ގައެވެ. އެހެންކަމުން މިދިޔަމަހު ޖަޕާނުގެ ޢާއްމު ޚިދުމަތުގެ ދާއިރާގެ ވިޔަފާރި، ފާއިތުވި ފަސްމަހާ އަޅާބަލާއިރުވެސް ބޮޑުތަނުން ދަށަށް ގޮސްފައިވާކަމަށް ރިޕޯޓުތަށް ބުނެއެވެ.

ޖިބުން ބޭންކުގެ ދިރާސާއިން ދައްކާގޮތުން މިއަހަރު ޖަޕާނުގެ ވިޔަފާރިތައް އިތުރަށް ފުޅާވާނެކަމަކަށް ވިޔަވާރިވެރިން ނުދެކެއެވެ. އެހެންކަމުން ފާއިތު 20 މަސްދުވަހާ އަޅާބަލާއިރު ވިޔަފާރިތަކުން އެންމެ ގިނަ ޢަދަދަކަށް މީހުން މަދުކޮށްފައިވަނީވެސް މިދިޔަމަހުއެވެ.

ޖަޕާނުގެ އަމިއްލަ ވިޔަފާރިތަކުގެ ދާއިރާއަށް ބަލާއިރު މިދިޔަ މަހު ޖުމްލަ ގޮތެއްގައި ދަރަނި އިތުރުވެފައިވާކަމަށް ދިރާސާއިން ދައްކައެވެ. އެގޮތުން އުފެއްދުންތެރިކަމުގެ ދާއިރާ އާއި ޢާއްމު ޚިދުމަތުގެ ދާއިރާ ގުޅުވައިގެން ޖުމްލަކޮށް ބަލާއިރު، ފާއިތުވި ޑިސެމްބަރުމަހު 52.5 ގައި ހުރި ޕާރޗޭސިންގް މެނޭޖާރސް އިންޑެކްސް، ޖަނަވީމަހު ހުރީ 49.9 އަށް ތިރިވެފައެވެ.

އެހެންކަމުން އަމިއްލަ ވިޔަފާރިތަކަށް އޮތް ޕްރެޝަރުވެސް ބޮޑުވެ، އާމްދަނީއަށް އަސަރުކުރާނެކަމަށް ދިރާސާއިން ލަފާކުރެއެވެ.