ޚަބަރު

އެންމެ ކުޑަ އުޖޫރައާއެކު ހުރިހާ ސިނާޢަތެއް މުވައްޒަފުންގެ ޖީބު ބަރުވެއްޖެ: ރައީސް


މިނިމަމް ވޭޖާއިއެކު ހުރިހާ ސިނާޢަތެއްގެ މުވައްޒަފުންގެ ޖީބު ބަރުވެފައިވާކަމަށް ރައީސުލްޖުމުހޫއްރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން މަޖިލީހަށް އިއްވަމުން ރައީސް އިބްރާހީމް މުހައްމަދު ސާލިޙު ވިދާޅުވީ، ލިބޭ އާމްދަނީގެ ކުރިއެރުމާއި ކަށަވަރުކަމެއް ނެތްކަމަށް ސަރުކާރުން މިހާރު ޖަވާބު ހޯދައިދީފައިވާކަމަށެވެ. އަދި އެގޮތުން ކަނޑައެޅި މިނިމަމް ވޭޖްގެ ސަބަބުން ހުރިހާ ސިނާޢަތެއް މުވައްޒަފުންގެ ޖީބު ބަރުވެގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ބަދަލުގެ ފައިދާ ސަރުކާރުގެ 15400 މުވައްޒަފަކަށް ލިބިގެންދިޔައިރު ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ 5100 މުވައްޒަފަކަށް މީގެ ފައިދާ ލިބިގެން ދިޔަކަމަށެވެ. އަދި ވަކިން ޙާއްސަކޮށް މި ބަދަލު ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ 13،000 ދިވެހި މުވައްޒަފުންނަށް މާ ބޮޑަށްވެސް ލިބިގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް މިނިމަމް ވޭޖް ކަނޑައެޅުމުގެ އިތުރުން 10 އިންސައްތަ ސާވިސް ޗާޖު ނަގަން ލާޒިމް ކުރުމުންވެސް އައިސްފައެވެ. އަދި އޭގެ 99 އިންސައްތަ މިދިޔަ ޖެނުއަރީމަހުން ފެށިގެން މުވައްޒަފުންނަށް ދިނުން ލާޒިމް ކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސާލިޙު މި ބަދަލުތަކަށް އިޝާރާތް ކުރައްވަމުން، ރަނގަޅު ބަދަލެއް އަންނާނީ ހެޔޮ ނިޔަތެއް އޮވެގެން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފާއިތުވި 16 އަހަރު ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރި މުވައްޒަފަކަށް މުސާރައިގެ ކުރިއެރުން އައި މިންވަރުން އެމަނިކުފާނު މިސާލު ނެންގެވިއެވެ. އަދި ވީ ވަޢުދަށްވުރެ ވެފައިވާ ގޮތް މާ ރަނގަޅުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

" ހ.އ ދިއްދޫ އަހުމަދު ރަޝީދަކީ އާއިލާއި މާދުރުގައި މެދު ރާއްޖެ ތެރޭ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފެއް. ފާއިތުވި 16 އަހަރު އޭނާ އަސާސީ މުސާރައިގެ ގޮތުގައި އޭނާ ގެއަށް ގެންދަން އެންމެ ގިނަވެގެން ލިބުނީ މަހަކަށް 5600ރ. އެހެންނަމަވެސް މިނިމަމް ވޭޖުގެ ހެޔޮ ބަދަލާއިއެކު 8000ރ. މިހާރު އަސާސީ މުސާރައަށް ލިބޭ. ސާވިސް ޗާޖާއިއެކު މިދިޔަ ޖެނުއަރީމަހު 55000 އަށްވުރެ ގިނަ ރުފިޔާ އޭނާ ގެއަށް ގެންދަން ލިބުނު. ވީ ވަޢުދަށްވުރެ ވެފައިވާ ގޮތް މާ ރަނގަޅު. ރައްޔިތަކަށްވާ ކޮންމެ ރަނގަޅަކީ ޤައުމަށް ލިބޭ ކުރިއެރުމެއް" ރައީސް ސާލީޙު ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ގޮތުގައި ދެވޭނެ ޢަދަދު ސަރުކާރުން ކަނޑައަޅާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރުމަހުގެ 8 ވަނަ ދުވަހުއެވެ. މިއާއެކު ބޮޑެތި ކުންފުނިތަކުން މަހަކު 8000ރ. އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭން ޖެހޭއިރު، ކުދި ވިޔަފާރިތަކުން ދޭން ޖެހެނީ 4500ރ. އެވެ. އަދި ސަރުކާރު މުވައްޒަފުންނަށާއި މެދުފަންތީގެ ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަދުވެގެން 7000ރ. ދޭން ޖެހެއެވެ.

ސަރުކާރު ގެނައި މި ބަދަލަށް މި ޖެނުއަރީ މަހުން ފެށިގެން މުސާރަ ޖަމާވާން ފަށާފައިވާއިރު، މުސާރައަށް އައި ހެޔޮ ބަދަލުތައް އާންމުން ދަނީ ހިއްސާ ކުރަމުންނެވެ.