ޚަބަރު

ގުޅީގެ ފެނާއި ނަރުދަމާގެ ޚިދުމަތާއެކު ރަށުގެ އިޤްތިޞާދަށް ކުރިއެރުން ލިބޭނެ: މުޢުނީ


ކ.ގުޅީގައި ސަރުކާރުން ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތާއެކު ރަށުގެ އިގްތިސާދަށް އެކަމުގެ މަންފާ ލިބިގެންދާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޢުނީ ވިދާޅުވެއްޖެއެވެ.

މުޢުނީ މިހެން ވިދާޅުވީ ގުޅީގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާ، ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުންނެވެ.

ގުޅީގެ ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މުޢުނީ ވިދާޅުވީ މިއީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމަށް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން މި ސަރުކާރުން ފެނާއި ނަރުދަމާގެ ހިދުމަތް އެންމެ ފުރަތަމަ ފަށައިގަނެވޭ ރަށް ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރެވުނު މަސައްކަތުގެ ދަށުން މިއަދު މި ހިދުމަތް ގުޅީ ރައްޔިތުންނަށް ލިބިގެންދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި އަދި އެހާމެ މުހިންމު އަސާސީ ދެ ޚިދުމަތެއްކަން މުޣުނީ ވަނީ ފާހަގަކުރައްވާފައެވެ.

މުޢުނީ ވިދާޅުވީ މި ޚިދުމަތަކީ ޤައުމުގެ ތަރައްޤީއަށާއި ޚާއްސަކޮށް ރަށުގެ ކުރިއެރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށެވެ. ސަބަބަކީ ގުޅިއަކީ މިހާރުވެސް ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއް ކަމަށާއި މިހާރުވެސް ގިނަބަޔަކު އިންވެސްޓްކޮށް އެކަމުން ނަފާ ލިބެމުން އަންނަ ރަށަކަށް ވާތީކަމަށް އެނާ ވިދާޅުވިއެވެ. މީގެއިތުރުން މުޢުނީ ވިދާޅުވީ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރާ ފަދައިން ފެނާ ނަރުދަމާގެ ޚިދުމަތުގައިވެސް އީޖާދީ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

"މިސަރުކާރުގެ މުހިންމު އެއް ވައުދަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެ ސަރުކާރުގައި ފެނާއި ނަރުދަމާގެ ހިދުމަތް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ޤާއިމްކުރެއްވުން. އެގޮތުން މި ރަށުގައި އެ ދެ ހިދުމަތް ދިނުމުގެ މަސައްކަތް 2019 ވަނަ އަހަރު ފައްޓަވައިދެއްވާ، މި މަޝްރުޢުގެ ދަށުން މި ދެ ހިދުމަތް މިރަށުގެ އާބާދީއަށް ފޯރުކޮށް ދިނުމަށް މިއަދު އަޅުގަނޑުމެން މިވަނީ ފަށާފައި. މި ސަރުކާރުން މި ދެ ހިދުމަތް ފަށައިގަންނަ ފުރަތަމަ ރަށަކީވެސް މި ރަށްކަން އަޅުގަނޑު ފާހަގަކޮށްލަން" މުޣުނީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކ.ގުޅި ކައުންސިލްގެ ނާއިބް ރައީސް އިބްރާހިމް ފާއިޒް ވިދާޅުވީ، މީގެ ކުރިން އެރަށުގައި އެކަށީގެންވާ ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން، ތަފާތު ހިތްދަތި އަދި ދަތި އުނދަގޫ ދުވަސްތައް ރައްޔިތުން ހޭދަކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މީގެ 24 އަހަރު ކުރީގެ ވަގުތީ ނަރުދަމާ ނިޒާމުގެ ހިދުމަތަކީ މާޒީކަން ފާހަގަކުރައްވާ، މިއަދު އިފްތިތާހް ކުރެވުނު ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއަކީ މިހާތަނަށް ރަށުގެ ތާރިހުގައި ސީދާ ރަށުގެ ރައްޔިތުންނާއި ގުޅޭ އެންމެ މަންފާ ލިބިގެންވާ މަޝްރޫޢުއެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިކަމުން އަންގައިދެނީ ސަރުކާރުން ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށް ދިނުމަށް ދެއްވަމުން ގެންދަވާ އަހައްމިއްޔަތުކަން އޭނާ ވަނީ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ކ. ގުޅީގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާއި، ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ވަނީ ފަށާފައެވެ. ފަށައިފި އެވެ. މިއާއެެކު މިވަގުތު ގުޅީގައި ފޯރުކޮށްދެމުންދާ ޔޫޓިލިޓީ ހިދުމަތްތަކުގެ ތެރެއިން ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ހިދުމަތް މިއަދުން ފެށިގެން ދެމުން ގެންދާނީ ސްޓެލްކޯއިންނެވެ. ގުޅީގައި ސްޓެލްކޯ އިން ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ހިދުމަތް ދެމުންދާއިރު، ފެނުގެ ހިދުމަތް ދިނުމަށްޓަކައި، 40 ޓަނުގެ 2 އާރުއޯ ޕްލާންޓާއި، ވާރޭފެން ޓްރީޓްމަންޓް 1 ޕްލާންޓްގެ އިތުރުން ފެން ރައްކާކުރުމަށް 200 ޓަނުގެ 3 ތާންގީ ވަނީ ބަހައްތާފައެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ފަށައިގަނެވޭއިރު، ފެނަށް 181 ކަނެކްޝަން އަދި ނަރުދަމާގެ ހިދުމަތް ހޯދުމަށް 175 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފައެވެ.