ޚަބަރު

ހިޔާ ފްލެޓް ލިބުނު 75 މީހަކު ވިނަރެސްއަށް ކުރިމަތިލައިފި


ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން، ހިޔާ ފްލެޓް ދޫކޮށްލާ ވިނަރެސްއިން ފްލެޓް ހޯދުމަށް 75 މީހުން އެދިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްގެ 3 ކެޓަގަރީއަކުން ފްލެޓް ލިބުނު މީހުންނަށް، ވިނަރެސްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ.

އެކިއެކި ހައުސިންގ މަޝްރޫޢުތަކުން ކުރިން ފްލެޓް ލިބުނު މީހުންނަށް، އެ ސްކީމްތައް ދޫކޮށްލާ ވިނަރެސްއިން ފްލެޓް ހޯދުމަށް އެޗްޑީސީން ވަނީ ހުޅުވާލާފައެވެ.

އެގޮތުން އެންމެ ފަހުން ކުރިއަށްގެންދިޔަ ހިޔާ މަޝްރޫޢުގެ އިތުރުން، ގުޅީފަޅުގެ ހައުސިންގ މަޝްރޫޢުއިން ފްލެޓް ލިބުނު މީހުންނާއި އަދި ސީލައިފް ހައުސިންގ ސްކީމްގައި ފްލެޓް ލިބުނު މީހުން، އެ ސްކީމްތައް ދޫކޮށްލާ ވިނަރެސްއިން ފްލެޓް ހޯދުމުގެ ފުރުޞަތު ވަނީ ދީފައެވެ.

ޕީއެސްއެމްއަށް މަޢުލޫމާތުދެމުން އެޗްޑީސީން ވިދާޅުވީ މި ތިން މަޝްރޫއިން ފްލެޓް ލިބުނު މީހުންގެ ތެރެއިން، ވިނަރެސްއިން ފްލެޓް ހޯދުމަށް މިހާތަނަށް 292 ފަރާތުން ފޯމް ހުށައަޅާފައިވާކަމަށެވެ.

ވިނަރެސްގައި ބައިވެރިވުމުގެ ފުރުޞަތު ދީފައިވަނީ، އެމީހަކަށް ލިބޭ އާމްދަނީއާ ބައްދަލު، ފެންވަރު ރަނގަޅު ތަނެއް ދިރިއުޅުމަށް ހޯދުމުގެ ފުރުޞަތު ދިނުމަށްކަމަށެވެ.

ހިޔާ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން ފްލެޓް ދޫކޮށްލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންގެ އިތުރުން ސިވިލް ސަރވިސް ފަންނީ ކެޓަގަރީންނެވެ.

ހިޔާ ފްލެޓްގެ މި ކެޓަގަރީތަކުން ފްލެޓް ލިބުނު 79 މީހުން ފްލެޓް ދޫކޮށްލަށް އެދި، ވިނަރެސްގައި ބައިވެރިވުމަށް ފޯމް ހުށައަޅާފައިވެއެވެ. ނަމަވެސް މީގެތެރެއިން 4 މީހުން ވަނީ ފޯމް އަނބުރާ ގެންގޮސްފައެވެ.

ގުޅީފަޅުން ފްލެޓް ލިބުނު މީހުންނަށްވެސްވަނީ ސަރުކާރުގެ އެހެން ސްކީމްތަކުން ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން ވިނަރެސްއަށް ހުލުވާލި ފުރުޞަތުގައި 96މީހުންވަނީ، ވިނަރެސްއިން ފެލްޓް ހޯދުމަށް އެދި އެޗްޑީސީއަށް ހުށައަޅާފައެވެ.

ވިނަރެސްގައި ބައިވެރިވުމަށް ދެން ފުުރުޞަތު ހުޅުވާލީ، ސީ ލައިފް ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންނަށެވެ. ނަމަވެސް ބޮޑެތި މައްސަލަތަކާ ގުޅިގެން މި މަޝްރޫޢު ވަނީ ހުއްޓާލާފައެވެ. ސީ ލައިފްއިން ފްލެޓް ގަތުމަށް 344 މީހުން ފައިސާ ދައްކާފައިވެއެވެ. ސީ ލައިފްއަށް ފައިސާ ދެއްކި މީހުންގެ ތެރެއިން 117މީހުންވަނީ ވިނަރެސްއިން ފްލެޓް ހޯދުމަށް އެދިފައެވެ.

ވިނަރެސް މަޝްރުޢޫގައި 1344 ހައުސިންގ ޔުނިޓް ހިމެނެއެވެ. އެއީ މުޅިންވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މީގެތެރޭގައި 4 ބާވަތެއްގެ ހައުސިންގ ޔުނިޓްތައް ހިމެނެއެވެ. އަދި އަދި މިއެޕަރޓްމަންޓްގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.