ޚަބަރު

ސެޕްޓެމްބަރުމަހު ވީއައިއޭގެ އައު ރަންވޭ ބޭނުންކުރަން ފަށަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ އައު ރަންވޭ ސެޕްޓެމްބަރުމަހުގެ ތެރޭގައި ބޭނުންކުރަން ފަށަން މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވިދާޅުވެއްޖެއެވެ.

އައު ރަންވޭ މިހާރު ބޭނުންކުރަމުން އަންނަނީ ވަގުތީ ޓެކްސީވޭއެއްގެ ގޮތުގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ 2018 ވަނަ އަހަރުއެވެ. ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ރަންވޭ ރަސްމީކޮށް ބޭނުންކޮށްފައެއް ނުވެއެވެ. ސަބަބަކީ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކޮށްފައިވާ ވީއައިއޭގެ ރަންވޭ ހިމެނޭ ސަރަޙައްދު ސްޓޭންޑަޑަށް ނުގެނެވުމެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރ އަދި މިވަގުތު އެމްއޭސީއެލްގެ އެކްޓިންގ އިންޗަރޖް އިބްރާހިމް ޠާހާ ވިދާޅުވީ ބައިނަލްއަޤުވާމީ މިންގަނޑުގައި ރަންވޭގެ ވަށައިގެންވާ ސަރަޙައްދުގައި ވަކި ދުރުމިނެއް ހިމެނޭހެން ހާމަ ހުސް ސަރަޙައްދެއް އޮންނަން ޖެހޭކަމަށެވެ.

އެހެންނަމަވެސް މިވަގުތު ވީއައިއޭގެ ގެ ސީޕްލޭން ޓަރމިނަލް އޮތް ސަރަޙައްދު ހިމެނެނީ މި މިންގަނޑުގެ ތެރެއިން އައު ރަންވޭގެ އޭރިއާގެ ތެރޭގައެވެ. އެހެންކަމުން ރަސްމީކޮށް އައު ރަންވޭ ބޭނުންކުރެވޭނީ މިހާރު ބޭނުންކުރަމުންދާ ސީޕްލޭން ޓަރމިނަލް ހުރި ސަރަޙައްދު ހުސްކުރެވިގެންކަމަށް ތާހާ ވިދާޅުވިއެވެ.

ޠާޙާ ވިދާޅުވީ އަންނަ މާޗްމަހުގެ ނިޔަލަށް ސީޕްލޭން ޓަރމިނަލްގެ އޮޕަރޭޝަން އެއްކޮށް އައު ޓަރމިނަލްއަށް ބަދަލުކޮށް ނިމޭނެކަމަށެވެ. އެއާއެކު ރަންވޭ ބޭނުންކުރުމަށްޓަކާ އެސަރަޙައްދު ތައްޔާރުކުރުމުގެ މަސައްކަތް ކުރަން ފަށާނެކަމަށް ތާހާ ވިދާޅުވިއެވެ.

"ފުރިހަމަ ރަންވޭއެއްގެ ގޮތުގައި ބޯޓުތައް ޖައްސާ ފުރުމަށްޓަކާ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށޭނެ. އެކަމަށް މަގު ފަހިކުރުމުގެ ގޮތުން ސީޕްލޭން ޓަރމިނަލް އޮޕަރޭޝަނަށް އައުމަށް އަޅުގަނޑުމެން އެބަ ފަށަން މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އަންނަ މާޗް 31 ހުގެ ކުރިން މުޅި އޮޕަރޭޝަނަށް ސީޕްލޭން ޓަރމިނަލް ގެނައުމަށް މަސައްކަތް މިކުރަނީ." ޠާޙާ ވިދާޅުވިއެވެ.

ވިއައިއޭގެ ރަންވޭގެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާގެ ކުންފުންޏަކުންނެވެ. އެއަރޕޯޓުގެ ވީއައިޕީ ލައުންޖް މިދިޔަ މަހު ހުޅުވާފައިވާއިރު އެތަނުގެ މަސައްކަތްވެސް ކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކުންނެވެ. ވީ.އައި.އޭގެ އައު ރަންވޭއަކީ 3400 މީޓަރު ދިގު، 65 މީޓަރު ފުޅާ ރަންވޭއެކެވެ. ކޯޑް އެފް ފެންވަރުގެ މި ރަންވޭއަކީ ކޮމާޝަލް ދަތުރުތަކުގައި މިވަގުތު ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުފަހަރުކަމަށްވާ A380 މަރުކާގެ ބޯޓު ފަހަރަށްވެސް ޖެއްސޭނެހެން ފަރުމާކޮށްފައިވާ ރަންވޭއެކެވެ.