ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ ބާރު ބޮޑުވުމުގެ ސަބަބުން ފްލައިޓް ޖެއްސުމުގައާއި ފްލައިޓުތައް ނައްޓާލުމުގައި ހޭދަވާ ވަގުތު ކުޑަކުރުމަށް އެމްއޭސީއެލްއިން، އެއަރޕޯޓްގެ އޮޕަރޭޝަނަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.
އެމްއޭސީއެލްއިންވަނީ މިއަދުން ފެށިގެން ވަގުތީ ގޮތުން ޓެކްސީވޭއެއްގެ ގޮތުގައި އާ ރަންވޭ ބޭނުންކުރަން ފަށާފައެވެ. މިއާއެކު ބޯޓެއް ޖެއްސުމަށްފަހު ރަންވޭ ކްލިއާ ކުރަން ނަގަނީ ގާތްގަނޑަކަށް ދެމިނިޓެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި އެތެރޭގެ އުދުހުންތައް އެންމެ ބޮޑަށް ބަރޯސާވެފައިވާ ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓްގެ ރަންވޭއަކީ މިސަރަޙައްދުގެ އެއަރޕޯޓްތަކުގެ ތެރޭގައިވެސް ފާހަގަކޮށްލެވޭ ބިޒީ ރަންވޭއެކެވެ. ނަތީޖާއެއްގެ ގޮތުން އެއަރޕޯޓްގެ އެންމެ ބާރު ބޮޑުވާ ދުވަސްތަކުގައި ރަންވޭ ކްލިއަރ ނުވެގެން ފްލައިޓްތައް ނުޖެއްސި އަދި ފުރުމުގައިވެސް ވަގުތުތަކެއް ހޭދަވެގެން ދެއެވެ. މިކަމަށް ޙައްލެއް ގެނައުމަށްޓަކާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްއިންވަނީ އޮޕަރޭޝަނަށް ބަދަލުގެނެސްފައެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރ އަދި މިވަގުތު އެމްއޭސީއެލްގެ އެކްޓިންގ އިންޗަރޖް އިބްރާހީމް ޠާހާ ވިދާޅުވީ މިވަގުތު ފްލައިޓްތައް ޖެއްސުމަށްފަހު ޓެކްސީ ކުރުމަށްވެސް ބޭނުންކުރަމުންދަނީ ކުރީގެ ރަންވޭކަމަށެވެ. މިގޮތަށް އޮޕަރޭޝަން ކުރިއަށްގެންދިޔުމުން ގަޑިއަކު ޖެއްސެނީ ގާތްގަނޑަކަށް 8 ފްލައިޓަށް ނަމަވެސް ފްލައިޓް ޓެކްސީ ކުރުމަށް އާ ރަންވޭ ބޭނުންކުރަން ފެށުމުން ގަޑިއަކު 16 ފްލައިޓް ޖެއްސި ޚިދުމަތް އަވަސްވެގެންދާނެކަމަށް ޠާހާ ވިދާޅުވިއެވެ.
"މީގެ ސަބަބުން ދަތުރުވެރިންނާއި ފަތުރުވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ. މިހާރު މިބޭނުންކުރާ ރަންވޭގައި ގަދިއަކު 8 ވަރަކަށް ބޯޓު މިޖެއްސެނީ. އަލަށް މިގެނައި ބަދަލާއެކު 16 ވަރަކަށް މަތިންދާ ބޯޓަށް ޚިދުމަތް ދެވިގެންދާނެ. މިހާރު ބޮޑެތި ބޯޓެއް ޖެއްސުމަށްފަހު ރަންވޭ ކްލިއާ ވާން އެބަ 10 ވަރަކަށް މިނިޓު ނަގާ. އަލަށް ގެނެވުނު ބަދަލާއެކު މިވަގުތު 2 މިނިޓަށް ކުޑަކުރެވޭ." ޠާހާ ވިދާޅުވިއެވެ.
މިހާރު އޮންނަ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފްލައިޓް ޖެއްސުމަށްފަހު ރަންވޭ ކްލިއާކޮށް އަނެއް ފްލައިޓަށް ޚިދުމަތް ދިނުމަށް ގާތްގަނޑަކަށް 15 ވަރަކަށް މިނިޓް ހޭދަވެގެންދެއެވެ. މީގެ ސަބަބުން އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓްތައް ނުޖެއްސި މަތީގައި މަޑުކުރަންޖެހޭއިރު ރަންވޭ ހުސްނުވެގެން ފްލައިޓްތަކަށް ނުފުރިވެސް އެތައް ވަގުތުތަކެއް ހޭދަވެގެން ދެއެވެ. އެމްއޭސީއެލްއިން އަލަށް ގެނައި ބަދަލާއެކު މިގޮތަށް ފްލައިޓްގައި ހޭދަވެގެންދާ ވަގުތު ކުޑަކުރެވޭނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
ވީއައިއޭގެ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ބޮޑު ޙައްލެއް ލިބިގެންދާނީ އައު ރަންވޭ ރަސްމީކޮށް ފްލައިޓް ޖެއްސުމަށް ބޭނުންކުރަން ފެށުމުންކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ. ވީއައިއޭގެ އައު ރަންވޭއަކީ އެންމެ ބޮޑެތި ޕެސެންޖަރ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ. މި ރަންވޭއަކީ 3400 މީޓަރުގެ ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭގެ މަސައްކަތްތައް ނިމި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ 2018ވަނަ އަހަރުއެވެ.