ޚަބަރު

ކޯވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ


ކޯވިޑަށް ފަރުވާ ދެމުންދިޔަ 74 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މިއަދު ހެނދުނު 06:51 ހާއިރު ނިޔާވެފައިވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެހި ފިރިހެނެއްކަމަށެވެ.

މިމަރާއެކު ރާއްޖެއިން ކޯވިޑުގައި ނިޔާވި މީހުންގެ ޢަދަދުވަނީ 277އަށް އަރާފައެވެ. ކޯވިޑް ޖެހިގެން މިދިޔަ މަހުގައިވެސް ވަނީ 14 މީހަކު ނިޔާވެފައެވެ. ރާއްޖޭގައި މިވަގުތު 17،770 މީހަކަށް އަންނަނީ ކޯވިޑަށް ފަރުވާ ދެމުންނެވެ. މީގެތެރެއިން 63 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ މައްޗަށް އަރަން ފަށާފައެވެ.

ރާއްޖޭގައި ޖުމުލަ 138،880 މީހަކު ވަނީ ކޯވިޑްއަށް ޕޮޒިޓިވްވެފައެވެ.